26 Nov 2018, 13:57
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް އަދި ނުނިމޭ ކަމަށާއި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ މުއައްސަސާތައް މެދުވެރިކޮށް ގާނޫނީ އިމުގެ ތެރެއިން އެ މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމް ބާތިލު ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް ފަހު ސުޕްރީމް ކޯޓުގެ ބޭރުގައި މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑު ވެސް މަސައްކަތް ކުރަމުން ދާނީ ގާނޫނީ ގޮތުން މި ރާއްޖޭގައި ހުރި މުއައްސަސާތައް މެދުވެރިކޮށްގެން. އަޅުގަނޑުގެ ސިޔާސީ ހަޔާތް ނިމުނު ކަމަކަށް، އަދި އަމުދުން މިއަދަކު އަޅުގަނޑު ނުދެކެން،"

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މީޑިއާއާ ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ
ރައީސް ނަޝީދު އެހެން ވިދާޅުވި އިރު، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން އުޅުއްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، މަޖިލީހުގެ ތެރެއިން ރާއްޖޭގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ވިސްނުންފުޅު އެމަނިކުފާނު ގެންގުޅުއްވާ ކަމަށް ވެސް ވަނީ އަޑު ފެތުރިފަ އެވެ.
އޭގެ އިތުރުން މިއަދު އެމަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކޯޓުތަކަށް ރައީސް ޔާމީން ނުފޫޒު ފޯރުވި ކަމަށެވެ. އަދި އެކަން މިއަދު ސާފުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވަރަށް ގިނަ ބޭފުޅުން، ތަރައްގީގެ ވާހަކަ ދެއްކެވި. ހާއްސަކޮށް ރައީސް ޔާމިން ތަރައްގީގެ ވާހަކަ ދެއްކެވި. އަދި އަޅުގަނޑު މާލެ އައިސް އަޅުގަނޑަށް ވެސް ފެނުނު ކޮންކްރީޓު އަޅާފައި، ކޮންކްރީޓުން ތަންތަން ހަދާފައި ހުރި މިންވަރު. ހާއްސަކޮށް މި މާލޭގައި ވެސް. އެހެން ނަމަވެސް ރާއްޖޭގެ ރައްޔިތުންނެއް ނުދެކުނު، އެއީ ކަމަށް އެ ރައްޔިތުން ބޭނުންވާ ތަރައްގީ އަކީ ނުވަތަ އެ ބޭނުންވާ ބަދަލަކީ. ރައްޔިތުން ބޭނުން ވަނީ އިންސާފު،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވީ ވަނީ 2015 އަހަރު އެވެ. ޖަލު ބަންދުގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ނަޝީދު ހުންނެވީ އިނގިރޭސިންގެ ހިމާޔަތް ހޯދަވައިގެންނެވެ. ގިނަ ދުވަސްތައް ނަޝީދު ހޭދަ ކުރެއްވީ ސްރީލަންކާގެ ކޮލަމްބޯގަ އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ނޮވެމްބަރު އެއްވަނަ ދުވަހު އެވެ.