26 Nov 2018, 10:32
ރާއްޖޭގެ ބަޖެޓު ދަތިވެ، 250 އާއި 350 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެެއް ބޭނުން ވާތީ، އިންޑިއާގެ އެހީ ހޯދަން ރާއްޖެއިން ނިންމައިފި އެވެ.
އާ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި އެ ގައުމުގެ ނިއުސް ޗެނަލްއެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުގެ ބަޖެޓު ދެކޮޅު ޖެއްސުމަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"އަޅުގަނޑު މިއަދު އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރާއިރު އަޅުގަނޑު އެ ވާހަކަ އޭނާއާ ހިއްސާކުރާނަން. މޯދީ، އިބޫ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިއިރު ވެސް އެ ވާހަކަ ވާނީ ހިއްސާކޮށްފައި. އަޅުގަނޑުމެން އުއްމީދުކުރަނީ އިންޑިއާ އިން ދީލަތި އެހީއެއް ފޯރުކޮށް ދެއްވާނެ ކަމަށް." ޝާހިދު ވިދާޅުވި އެވެ.
ބަޖެޓުގެ ދަތިކަން ޝާހިދު ހިއްސާކުރެއްވި ނަމަވެސް ފެށޭ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓް އިތުރުކޮށް، އެ އަދަދު 30.3 ބިލިއަން ރުފިޔާ އަށް ކަނޑައެޅުމަށް ކޮމެޓީ އިން ވަނީ ނިންމައިފަ އެވެ.
މިހާތަނަށް ރާއްޖޭގައި ހުށަހެޅި އެންމެ ބޮޑު ބަޖެޓް މި ހުށަހެޅީ މިފަހަރު އެވެ. ރައީސް ޔާމީންގެ ސަރުކާރުން ވޭތުވެ ދިޔަ އަހަރަށް ފާސްކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ޝާހިދު ވިދާޅުވީ ބަޖެޓުގެ ދަތިކަން ކުރިމަތިވިނަމަވެސް ރާއްޖޭގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް ކަމަށްވާ ފެނާއި ނަރުދަމާ، ބޯހިޔާވަހިކަން ފަދަ މަޝްރޫއުތައް ކޮންމެހެން ކުރިއަށް ގެންދަން ޖެހިފައިވާ ކަމަށެވެ.
އާ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުގެ ފުރަތަމަ ރަސްމީ ދަތުރު ފުޅު ކުރެއްވީ ވެސް އިންޑިއާއަށެެވެ. ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ދާދި ފަހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެންމެ ތިން ގަޑިއިރަށް ރާއްޖެ ވަޑައިގަތީ ޑީލެއްގެ ދަށުން ކަމަށެވެ.
އެގޮތުން އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް ބޭއްވުމާއި ސިފައިން އިތުރުކުރުން، އައި ހެވަން ދިނުމާއި، އައްޑޫ ސިޓީ ހިތަދޫ އާއި ޅ. މާފިލާފުށީގައި ހަދާ ޓްރެއިނިން ސްކޫލު އޮޕަރޭޝަނަށް ގެނައުން މި ޑީލުގައި ހިމެނޭ ކަމަށް ވެސް ހަލީލް ތުހުމަތު ކުރެއްވި އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާގެ ދަތުރުފުޅަށް ފަހު، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާ އަށް ވެސް ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެެވެ. އެ ދެގައުމަށް ދަތުރުފުޅު ކުރެއްވުމަށް ނިންމަވާފައިވާ އިރު، އެ ދެ ގައުމުގެ އެންމެ ބޮޑު ދުޝްމަން ގަތަރާއި އަދި އީރާނާ އަލުން ސިޔާސީ ގުޅުން ގާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.