ވަޒީރުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ 20 ބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެކަން ދިރާސާކޮށް ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް މިއަދު ފޮނުވައިފި އެވެ.

ކެބިނެޓުގައި ހިމެނޭ 19 ވަޒީރުންނާއި، ބަންޑާރަ ނައިބަށް ރުހުން ދިނުމުގެ ކުރިން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވި އިރު، އެ ކޮމެޓީން ދިރާސާ ކުރުމަށް ފަހު، ކޮމެޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅާނެ އެވެ.

މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނީ ކޮމިޓީން ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމުންނެވެ. ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަން ކުރެއްވި ބޭފުޅުންނަށް މަގާމުގައި ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ގާނޫނު އަސާސީގައި ވަނީ ބުނެފަ އެވެ.

މަޖިލީހުގެ ކޮމެޓީތައް އަލުން އެކުލަވާލައި އިއްޔެ އިއުލާނު ކުރި އިރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގެ މެޖޯރިޓީ އޮތީ އިދިކޮޅު ޕީޕީއެމް އަށެވެ.