26 Nov 2018, 11:51
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި ރިވިއު ކުރުމުން، އެ މައްސަލަ ބަލައި، އެ މަނިކުފާނުގެ މައްޗަށް ކުރި ހުކުމަކީ ބާތިލު ހުކުމެއް ކަމަށް މިއަދު ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ސާބިތުވުމުންނެވެ.
އެ ހުކުމް ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ. އެ މައްސަލަ ބަލައި ނިމެންދެން ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައީ ެ. މިއަދު އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރީ ފުލުހުންގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އޭނާ ހުރަސް އެޅި ކަމަށާއި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި އޭނާ ހުންނެވި އިރު އެ ކޯޓުން ފުލުހުންނަށް އެއްބާރުލުން ނުދޭ ކަމަށާއި، އެހެން ކަމުން އެކަމުގައި އެހީއަށް އެދި ފުލުހުން އެމްއެންޑީއެފަށް ސިޓީ އެއް ފޮނުވާފައި ވަނިކޮށެވެ.
އެމްއެންޑީއެފް އިން އަބްދުﷲ ގާޒީ ހައްޔަރު ކުރީ ސިފައިންގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގެ (ށ)ގައި ވަނީ އެ މާއްދާގެ (ހ)ގައި ބުނާ ހާލަތްތަކުގައި ފުލުހުންނަށް ލިބިފައިވާ ބާރު ސިފައިންނަށް ވެސް ލިބޭނެ ކަމަށެވެ.
ހުކުމުގައި ބުނެފައި ވަނީ، ފަނޑިޔާރަކު ހައްޔަރު ކުރާ ނަމަ އެކަމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ކަމަށެވެ. އެ މާއްދާގައި ވަނީ ފަނޑިޔާރަކު ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭނީ، އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރަކުން ކަމަށެވެ. އަދި އެފަދަ އަމުރަކަށް ކޯޓުގައި އެދޭނީ، މައްސަލަ ތަހުގީގު ކުރާ ފަރާތުން ޕީޖީގެ އަރިހުގައި އެދުމުން އެކަން ކުރުމަށް ޕީޖީއަށް ފެނިއްޖެ ނަމަ ކަމަށެވެ.
ނަމަވެސް، އެމްއެންޑީއެފް އިން އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އަމަލު ކުރީ ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އޭނާ ހައްޔަރު ކުރީ ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމުގައިވީ ނަމަވެސް، އެ ކަން ކުރުމުގައި އެމްއެންޑީއެފްގެ އެއްވެސް މަގާމެއްގައި ހުރި މީހަކު އެކަމުގެ ފަރުދީ ޒިންމާ ނަގަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ހުކުުމުގައި ވަނީ ބުނެފަ އެވެ.
ނަޝީދުގެ މައްޗަށް ދައުވާ ކުރީ ކުރީގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. އެ މާއްދާގެ (ށ)ގައިވާ ގޮތުން މީހަކު ކިޑްނެޕް ކުރުން، ގަދަކަމުން ފޮރުވުން، ރަހީނުންގެ ގޮތުގައި ހިފެހެއްޓުން، ނުވަތަ އެފަދަ ކަމެއް ކުރަން އުޅުމަކީ ޓެރަރިޒަމްގެ އަމަލެކެވެ.
ހުކުމުގައި ވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނަކުން ތަޖުރީމު ކުރެވި އެއަށް އުގޫބާތެއް ކަނޑަނާޅާ ކަންކަމުގައި ދައުވާއެއް ނުކުރެވޭނެ ކަން ފާހަގަ ކޮށްފަ އެވެ. އަދި އެ ފަދަ ހާލަތްތަކުގައި އެ މައްސަލަ ޕީޖީއިން ފައިލް ކުރަން ޖެހޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
ހުކުމުގައި ބުނެފައި ވަނީ، ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައިގަނެ، އެ ދައުވާގެ މައުޟޫގެ މައްޗަށް ފައިސަލާ ކުރީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފަށް ކަމަށެވެ. އަދި ބާތިލު ކަމެއްގެ މައްޗަށް ތަރުތީބުވާ ކޮންމެ އެއްޗަކީ ބާތިލު އެއްްޗެއް ކަން ފާހަގަކޮށް، ހުކުމުގައި ވަނީ ނަޝީދުގެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައަޅާފަ އެވެ.
ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2015 އަހަރު އެވެ. ޖަލު ބަންދުގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ނަޝީދު ހުންނެވީ އިނގިރޭސިންގެ ހިމާޔަތް ހޯދަވައިގެންނެވެ. ގިނަ ދުވަސްތައް ނަޝީދު ހޭދަ ކުރެއްވީ ސްރީލަންކާގެ ކޮލަމްބޯގަ އެވެ. ނަމަވެސް، އެމަނިކުފާނުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އަމުރު ކުރުމުން، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.