"އެންމެ ފުރަތަމަ ރާއްޖެއައީ 2008 ވަނަ އަހަރު. ރިސޯޓެއްގައި މަސައްކަތްކުރީ. އޭގެ އަނެއް އަހަރު މާލެ ބަދަލުވީ ސްކޫލެއްގެ ޓީޗަރަކަށް. ބަދަލުވިގޮތަށް މިއުޅެނީ. ފިލްމު ކުޅުމަކީ އަބަދުވެސް ކުރާ ހިތްވާކަމެއް. އެކަމަކު ހިތަށް ނާރާ ދިވެހި ފިލްމު އިންޑަސްޓްރީއިން ފުރުސަތު ލިބޭނެއެކޭ،" ބަތަލާ މަރިއްޔާ ތެރެސާގެ ވާހަކަ ފެށީ މިގޮތަށެވެ.

އިޓަލީއަށް ނިސްބަތްވާ، ރާއްޖޭގައި ދިރިއުޅެމުން އަންނަ ބަތަލާ މަރިއްޔާއަކީ އާ މޫނެއް ނޫނެވެ. ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ މަރިއްޔާވަނީ ޑާކްރެއިންގެ ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ. އަދި ބަތަލު ޔޫސުފް ޝަފީއު (ޔޫއްޕެ)އާ އެކުވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

"ޖާދުﷲގެ ޑާންސް ގްރޫޕްގައި މަސައްކަތްކުރީ. އެދުވަސްކޮޅު ޖާދު އާ އެއްކޮށް ދަން ވަރަށް ގިނަ އިވެންޓްތަކަށް ވެސް. އޭނާ އަހަރެން ފިލްމީދާއިރާގެ ތަރިންނަށް ތައާރަފްކޮށްދިނީ،"

މަރިއްޔާ ތެރެސާ-- ސަން ފޮޓޯ/މުހައްމަދު މުޒައްޔިން

ފިލްމީދާއިރާގެ ކޮންމެ މަސައްކަތަކީ ވެސް ކުރާހިތުންކުރާ މަސައްކަތްކަމަށާއި އުންމީދަކީ ކޮންމެވެސް ދުވަހަކުން ފިލްމެއްގެ ލީޑް ރޯލު ނޫނީ ސަޕޯޓިން ރޯލެއް ކުޅުމަށް ކަމަށް މަރިއްޔާ "ސަން"އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުންޏެވެ.

ދެހާސް ފަނަރަވަނަ އަހަރު ޑާކްރެއިންގެ ފިލްމު "ވާށޭ މަށާ އެކީ" އިން ފުރުސަތު ލިބުނުކަމަށާއި އެ ފުރުސަތު ލިބުމަކީ މިދާއިރާއިން ކުރިއަށް ދިޔުމަށް ލިބުނު ހިތްވަރެއްކަމަށް އޭނާ ބުންޏެވެ.

މަރިއްޔާ ބުނީ ފުރަތަމަ ފިލްމުގެ މަސައްކަތްކުރެވުނީ ހިތްހަމަޖެހިގެންކަމަށާއި ފުރަތަމަ ތަޖުރިބާ ވަރަށް ސަޅި ކަމަށެވެ. "އެންމެ ފުރިހަމައަށް ދީފައިން ރޯލު ކުޅެވޭތޯ" މަސައްކަތްކުރިކަމަށް ވެސް އޭނާ ބުންޏެވެ.

މަރިއްޔާ މިހާރުކުރަމުން އަންނަނީ ޑާކްރެއިންގެ "މާމުއި"ގެ މަސައްކަތެވެ. އެއީ އޭނާގެ ހަތް ވަނަ ފިލްމެވެ. އެ ފިލްމާ ގުޅޭގޮތުން މަރިއްޔާ ބުނީ އެހެން ފިލްމުތަކާ ޚިލާފަށް އެ ފިލްމުގައި ކުޅެން ޖެހުނު ރޯލު ބޮޑު ކަމަށާއި އެ ފިލްމުގެ ޝޫޓިން ވެސް ނިންމާލީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

"މާމުއި" އަކީ ތަފާތު ފިލްމެއްކަމަށާއި އެ ފިލްމުގައި އޭނާ ކުޅުނު ރޯލަކީ ވެސް ތަފާތު ރޯލެއްކަމަށް އޭނާ ބުންޏެވެ.

މަރިއްޔާ ތެރެސާ---

މަރިއްޔާ ބުނީ ފިލްމީދާއިރާއިން ގިނަ ކަންތައްތަކެއް ދަސްވެއްޖެކަމަށާއި ދާއިރާއަކީ ކުރިއަށް ދިޔުމަށް ދަތި ދާއިރާއެއް ނަމަވެސް ހިތްވަރާއެކީ ފަސްނުބަލައި މަސައްކަތްކުރުމުން ކުރިއަށް ދެވޭނެ ކަމަށެވެ.

ގިނަ ތަރިންތަކަކާ އެކީ މަސައްކަތްކުރެވިފައިވާ ކަމަށާއި އަދި ޑައިރެކްޓަރުންނާ އެކީ ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވެސް އޭނާ "ސަން"އަށް ބުންޏެވެ.

"ވަރަށް ދަތިވާ ކަންތައްތަކާ ވެސް ބައެއް ފަހަރު ދިމާވާނެ. ހިތަށް އަރާނެ އެވެނި ކަމެއް ނުވާނެއޭ. ނުކުރެވޭނެއޭ. އެކަހަލަ ވަގުތެއްގައިވެސް އެންމެ ހިތްވަރުދޭނީ ޑާކްރެއިންގެ ތަރިން. އެއީ ހަމަ އާއިލާ،" މަރިއްޔާ ބުންޏެވެ.

މަރިއްޔާ ތެރެސާ-- ސަން ފޮޓޯ/މުހައްމަދު މުޒައްޔިން

ފިލްމުކުޅެން އޮފާއެއް އައިސްފިނަމަ އެ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާނެ ކަމަށާއި އެހެން ޑައިރެކްޓަރުންގެ ފިލްމުތައް ކުޅެން ވެސް ތައްޔާރުކަމަށް އޭނާ ބުންޏެވެ.

"ރާއްޖޭގައި ދިރިއުޅެމުން މިދާއިރާއިން ފުރުސަތު ލިބުމަކީ އުފާވާ ކަމެއް. އުންމީދުވެސް ނުކުރަން މިއަދު ހުރި ހިސާބަށް އާދެވޭނެއެކޭ. އިތުރަށް ރަނގަޅުކުރަން ހުރި ކަންތައްތައް ރަނގަޅުކޮށް މިދާއިރާއިން ކުރިއަށްދާނަން."

މަރިއްޔާ މަސައްކަތްކުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ވާށޭ މަށާއެކީ"، "ނޯޓީ 40"، "މާމުއި" ފަދަ ފިލްމުތައް ހިމެނެއެވެ.