ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް، ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018ގައި، ކުޅުނު ފުރަތަމަ މެޗުން މަނަދޫގެ މައްޗަށް ކުރި ހޯދައި، ހެނބަދޫއިން ފެށުން ރަނގަޅު ކޮށްފިއެވެ.

ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހެނބަދޫއާއި މަނަދޫ ބައްދަލު ކުރި މެޗު ނިމިގެން ދިޔައީ 1-0ގެ ނަތީޖާއިން ހެނބަދޫ މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ހެނބަދޫގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ، މޭން އޮފް ދަ މެޗް ކަން ލިބުނު އެ ޓީމުގެ ޖާޒީ ނަމްބަރު 11 އަލީ ޝަހީދު އެވެ. އޭނާ އެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ.

އިއްޔެގެ މެޗަކީ މުބާރާތުގެ ގްރޫޕް އޭގައި ކުޅުނު ދެވަނަ މެޗެވެ. މުބާރާތް ބާއްވާ ރަށް ކަމަށްވާ ކެނދިކުޅުދޫ ކުޅުނު ފުރަތަމަ މެޗުން ވަނީ މަގޫދޫ އަތުން 0-0ގެ ނަތީޖާއިން އެއްވަރުވެފައެވެ. އެހެން ކަމުން، މިވަގުތު ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ހެނބަދޫއެވެ.

ސިޔާމް މައުރޫފް ސޮކާކަޕްގައި އިއްޔެ ހެނބަދޫ އާއި މަނަދޫ ބައްދަލު ކުރި މެޗުގެ ތެރެއިން---

ދެން ގްރޫޕް އޭގައި ބައްދަލު ކުރާނީ މިލަދޫއާއި މަގޫދޫއެވެ. އެ މެޗު އޮންނާނީ މިއަދު ހަވީރުއެވެ. ގްރޫޕް ބީގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ބައްދަލު ކުރާނީ ވެލިދޫއާއި ލަންދޫއެވެ.

ސިޔާމް-މައުރޫފް ސޮކަރ ކަޕްގެ ފަސްވަނަ މުބާރާތް މިހާރު ފެށިގެން ކުރިއަށް ދާއިރު މި މުބާރާތުގައި މިފަހަރު ނ. އަތޮޅުގެ 11 ރަށަކުން ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް "އޭ"ގައި ހަ ޓީމު ހިމެނޭއިރު ގްރޫޕް "ބީ"ގައި ހިމެނެނީ ފަސް ޓީމެވެ. މުބާރާތް ކުރިއަށް ދާނީ ނޮވެމްބަރު 24 އިން ޑިސެމްބަރު 25އަށެވެ.

ގްރޫޕް އޭ

  • ކެނދިކުޅުދޫ
  • މާޅެންދޫ
  • ހެނބަދޫ
  • މަނަދޫ
  • މިލަދޫ (އެންމެ ފަހުގެ ޗެމްޕިއަން)
  • މަގޫދޫ

ގްރޫޕް ބީ

  • ވެލިދޫ
  • ލަންދޫ (އެންމެ ފަހުގެ ރަނަރަޕް)
  • މާފަރު
  • ހޮޅުދޫ
  • ކުޑަފަރި

ސިޔާމް-މައުރޫފް ސޮކަރ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.