ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ޚާއްސަ ކޮށްގެން އޭނާ ދިރިއުޅުއްވާ ގޭގެ ކުރިމަތީ އޮންނަ ޕާކިން ޒޯނުން ވަކިކޮށްފައި އޮތްބައި އާންމުންނަށް ހުޅުވާލަދިނުމަށް އެދޭނެކަމަށް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ލޮނުޒިޔާރަތްމަގުގައި މަހުލޫފު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގެ ފޮޓޯ އަކާއެކު މީހަކު ކުރި ޓްވީޓެއްގައި ބުނީ މާލޭގައި ޕާކު ކުރުމަށް އޮންނަނީ ކުޑަ ތަންކޮޅެއް ކަމަށެވެ. އަދި މަހުލޫފު ދިރިއުޅުއްވާ ގޭގެ ކުރިމަތީ ކާރު ޕާކުކުރުން ކޮންމެހެން ބޭނުންތޯ ވަނީ ސުވާލުކޮށްފައެވެ.

އެ ޓްވީޓަށް ޖަވާބުދެއްވާ މަހުލޫފު ވިދާޅުވީ މަހުލޫފަށް ހާއްސަ ޕާކިން ޒޯނު ރީލޮކޭޓުކުރުމަށް ހައުސިން މިނިސްޓްރީގައި ރަސްމީކޮށް އެދިލައްވާނެ ކަމަށެވެ.

"މި ޕާކިން ސްޕޭސް އާންމުންނަށް ހުޅުވާލަން ހައުސިން ގައި ރަސްމީކޮށް އެދޭނަން. މިކަން އަޅުގަނޑުގެ ސަމާލުކަމަށް ގެނައުތީ ޝުކުރިއްޔާ!"

މަހުލޫފަށް ޓްވިޓާ މެދުވެރިކޮށް ހުށަހެޅި މައްސަލައެއް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާއިރު ކުޑަކުދިންގެ ބަގީޗާ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްދިނުމަށް އެދި މީހަކު ކުރި ޓްވީޓަކާއެކު އެކަން ކޮށްދެއްވަން ނިންމަވާފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މިއަދު ވަނީ އިއުލާނު ކުރައްވައިފައެވެ.