އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ 87 ގޮނޑިއަށް އެމްޑީޕީ އިން ވާދަކުރުމަކީ ބުއްދިވަރިކަމެއްތޯ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސުވާލު ކުރައްވައިފިއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ އެމްޑީޕީ އަށް ސޮއިކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ 87 ގޮނޑި އެމްޑީޕީ އަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

އެ ޕާޓީ އަށް ކާމިޔާބު ނުކުރެވޭނެކަމުގެ ޔަގީންކަން އޮތް ގޮނޑިތަކަށް ވާދަކުރުމުގެ ބޭނުމެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން އައީ އިއްތިހާދަކުން ކަމަށާއި ސަރުކާރު އުފައްދާ ހިންގަނީވެސް އިއްތިހާދުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވެސް އިއްތިހާދު ދެމިގެން ދިއުމަށް މަޝްވަރާ ކުރެވިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޕާޓީތަކުގެ މެދުގައި މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރުމުގައި ގޮނޑިތަކުގެ މިންވަރާ ގުޅޭގޮތުން ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރެވިފައި ވަކި ގޮތެއް އަދި ނުނިންމޭ،" ނަޝީދު ވިދާޅުވީ އެމްޑީޕީ އިން ވާދަކުރާނެ ގޮނޑިތައް ކަނޑައަޅާނީ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށެވެ. އެ ނިންމުން މިމަހުގެ 30 ގައި އިއުލާނު ކުރާނެކަމަށް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުންގެ ނަޒަރުގައި ހުރިހާ ގޮނޑިއަށްވެސް އެމްޑީޕީ އިން ވާދަކުރުމަކީ ބޭނުންތެރިކަމެއް. އަޅުގަނޑުމެން އެންމެންނަށްވެސް އެހެންނަމަވެސް އެބަ ސާފުވޭ އެމްޑީޕީ އަށް ލިބޭނެ ގޮނޑިތަކުގެ ކޮންމެވެސް ކަހަލަ އަންދާޒާ އެއް ހެދިދާނެކަން،" ނަޝީދު ވަނީ އެމްޑީޕީ އަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ހީވާ ދާއިރާތަކަށް އިއްތިހާދުގެ ކެނޑިޑޭޓުންނަށް ތާއީދުކުރުން ބުއްދިވެރި ކަމަށެވެ.

އެމްޑީޕީ އިން ވީހާވެސް ގިނަ ދާއިރާތަކަށް ވާދަކުރާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ހުރިހާ ބޭފުޅުންނަށްވެސް އެމްޑީޕީ އަށް ގުޅުމުގެ ދޮރު އޮތީ ހުޅުވިފައި. މަޖިލީހުގެ މެންބަރުންނަށްވެސް އެ ފުރުސަތު އެބައޮތް. 2019 ގައި ބާއްވާ މަޖިލިސްއިންތިހާބުގައި އެމްޑީޕީ އިން ވާދަކުރާ ކެނޑިޑޭޓުންނަށް ޓިކެޓުދޭނީ ޕްރައިމަރީ އަކުން،" ނަޝީދު ވިދާޅުވިއެވެ.