25 Nov 2018, 22:06
ސިފައިންގެ ސެނެހިޔާގައި އޮޕަރޭޝަން ތިއޭޓަރަކާއި ޖެނެރަލް ވޯޑެއް ހުޅުވައިފިއެވެ.
މިއީ ސެނަހިޔާ ފުރިހަމަ ހޮސްޕިޓަލަކަށް ހެދުމަށްކުރާ މަސައްކަތުގެ ބަޔެކެވެ. މިއަދު ސެނެހިޔަގައި ބޭއްވި ރަސްމިއްޔާތުގައި ވޯޑާއި އޮޕަރޭޝަން ތިއޭޓަރު ހުޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ސެނެހިޔާގައި އޮޕޮރޭޝަން ތިއޭޓަރަކާއި ވޯޑެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު-- ސަން ޕޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް
މިހާތަނަށް ސެނެހިޔާ ހިންގަމުން ގޮސްފައިވަނީ ކްލިނިކެއްގެ ދަރަޖައިގައެވެ. އަންނަ މަހު އެތަނަށް ހޮސްޕިޓަލެއްގެ ދަރަޖަ ދެވޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ސެނެހިޔާގެ އޮޕަރޭޝަން ތިއޭޓާރުގައި ފުރަތަމަ ކުރިއަށް ގެންދަން ނިންމާފައިވަނީ ހިތާނަ ކުރުމުގެ އޮޕަރޭޝަންތަކެވެ. އެމްއެންޑީއެފް އިން ބުނީ ކޮންމެ ދުވަހަކުވެސް ފަސް ކުއްޖަކު ހިތާނަ ކުރާނެ ކަމަށާއި ކުދިން ހިތާނަކުރައްވާނީ ސެނެހިޔާގެ އޮޕަރޭޝަން ޑޮކްޓަރު ފަސްޓް ލެފްޓިނަންޓް ޑރ. މައުމޫން އާސިމް ކަމަށެވެ. ފުރަތަމަ ހިތާނަކުރާނީ ސިފައިންގެ ދަރިން ކަމަށާއި އާންމުންނަށްވެސް އެ ފުރުސަތު ހުޅުވާލާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ސެނެހިޔާގައި އޮޕޮރޭޝަން ތިއޭޓަރަކާއި ވޯޑެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު-- ސަން ޕޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް
ސެނެހިޔާގައި މިއަދު ހުޅުވި ޖެނެރަލް ވޯޑުގައި 10 އެނދު ހުންނާނެއެވެ. އޭގެ ތެރެއިން ދެ އެނދު ބޭނުންކުރާނީ އައިސީޔޫގެ ހިދުމަތް ދިނުމަށެވެ.
ސެނެހިޔާގެ ހިދުމަތް މީގެ ކުރިން ދެމުންގޮސްފައިވަނީ ޔުނިފޯމު އެޅި މުވައްސަސާތަކަށް ނަމަވެސް އެތަން ވަނީ މިހާރު އާންމުންނަށްވެސް ހުޅުވާލައިފައެވެ.