ރައީސް ޔާމީނުގެ ސަރުކާރުގައި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު ގުބާދު އަބޫބުކުރު ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފިއެވެ.

ޑރ. ގުބާދުގެ އިތުރުން އިލްމުވެރިޔާ އަދި މީޑިއާ ކައުންސިލުގެ ކުރީގެ މެންބަރު އަބްދުއްލަތީފް އަހުމަދާއި އައްޝައިހް އަލީ ނަޖީބުގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ކޯޑިނޭޓަރު މުހައްމަދު ނައީމް ވެސް ވަނީ މިރޭ ޖޭޕީ އާ ގުޅިވަަޑައިގެންފައެވެ. ނައީމް އަކީ ކެލިގްރަފީ އާޓްގެ ދާއިރާގައިވެސް ފާހަގަކުރެވޭ ބޭފުޅެކެވެ.

މިބޭފުޅުން ޖޭޕީ އަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާޓީގެ ލިޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މިރޭ ޖޭޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ އިލްމީ ބޭފުޅުންތަކެއް ކަމަށެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ޖޭޕީގެ ގޮތްޕެއް ހުޅުވުމުގެ މަސައްކަތް މާދަމާ ފަށާނެ ލަމަށެވެ. "ޕާޓީގެ އެއްވެސް ބޭފުޅަކަށް ތަފާތު ކުރުމެއް ނެތި ހަމަހަމަކޮށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ގާސިމް ވިދާޅުވިއެވެ.

ސޮއިކުރެއްވުމަށްފަހު ޑރ. ގުބާދު ވިދާޅުވީ ޖުމްހޫރީ ޕާޓީ އަކީ ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ އިތުރުން ވަތަނީ އަދި ގައުމީ ގޮތުންވެސް މުހިއްމު މަސައްކަތްތަކެއް ކުރާ ޕާޓީ އެއް ކަމަށެވެ.

ލަތީފް ވިދާޅުވީ ޖޭޕީ އަކީ ސިޔާސީ މައިދާނުގައި ހުކުމް ބުނާ ޕާޓީ ކަމަށެވެ. ގައުމު ތަރައްގީ ވާނީ އަފްރާދުންވެސް ތަރައްގީވެގެން ކަމަށާއި އެކަމަށް ބިނަ ޕްރޮޖެކްޓުތައް ބޭނުން ނުވާކަމަށް ލަތީފް ވިދާޅުވިއެވެ.