ކުޑަކުދިންގެ ބަގީޗާ ހުޅުވާފަިއ ހުންނަ ވަގުތު އިތުރު ކުރުމަށް ޑިފެންސް މިނިސްޓަރު އަރިހު މީހަކު އެދުމުން އެކަން ކޮށްދެއްވަން ނިންމަވައިފިއެވެ.

ސިފައިންގެ ބެލުމުގެ ދަށުގައި ހުންނަ ކުޑަކުދިންގެ ބަގީޗާ މިހާރު ހުޅުވާފައި ހުންނަނީ ހަވީރު ހަތަރަކުން ހަޔަކަށެވެ.

މިއަދު މީހަކު ކުރި ޓްވީޓެއްގައި ވަނީ ސިފައިންގެ ބެލުމުގެ ދަށުގައި ހުންނަ ކުޑަކުދިންގެ ބަގީޗާގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އެތަން ހުޅުވާފައި ހުންނަ ގަޑި އިތުރުކުރަންޖެހޭކަމަށް ބުނެފައެވެ.

ކުޑަކުދިންގެ ބަގީޗާ ތެރޭގައި ކުޑަ ދެކުދިން ކުޅެނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޑިފެންސް މިނިސްޓަަރު އުސްތާޒާ މާރިޔާ އަހުމަދު ދީދީ ޓެގުކޮށް ކުރި އެ ޓްވީޓަށް ޖަވާބުދެއްވައި ވިދާޅުވެފައިވަނީ ސްކޫލު ބަންދު ދުވަސްތަކުގައި ހެނދުނު ހަތަކުން 10 އަށް އަދި އަސުރު ވަގުތުން ފެށިގެން މަގުރިބު ނަމާދު ވަގުތާ ހަމައަށް ބަގީޗާ ހުޅުވާފައި ހުންނާނެ ކަމަށެވެ.

ބަގީޗާ ހެނދުނު ހަތަކުން ރޭގަނޑު ހަތަކަށް ހުޅުވާފައި ބެހެއްޓުމަށްވެސް ވަނީ މިނިސްޓަރު އަރިހު އެދިފައެވެ. ޕާކަކީ ބަންދުކޮށްފައި ބަހައްޓަންޖެހޭ ތަނެއް ނޫންކަމަށް ބުނެފައިވާއިރު އެ ކަމަށް މިނިސްޓަރު އަދި ޖަވާބެއް ނުދެއްވައެވެ.

ކުޑަކުދިންގެ ބަގީޗާ އަކީ ޗުއްޓީ ދުވަސްތަކުގައި ހާއްސަކޮށް ބޮޑު ޗުއްޓީގައި ގިނަ ކުޑަކުދިން ގޮސް ކުޅެ ހަދާ ތަނެކެވެ. އެތަން ހުޅުވާފައި ހުންނަ ވަގުތު މަދުކަމުގެ ޝަކުވާ ބެލެނިވެރިންވެސް ކުރެއެވެ.