ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް 24 ގަޑިއިރު ހުޅުވުމަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ވަނީ "24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލު" އާންމުކޮށް، ރައްޔިތުންގެ ހިޔާލަށް ހުޅުވާލައިފައެވެ.

މި އުސޫލަށް ހިޔާލު ހުށަހެޅުން މިމަހުގެ 29 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހިޔާލު ހުށަހެޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެއެވެ.

މި އުސޫލުގެ ދަށުން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޭން ނިންމާފައިވާތަންތަކީ:

  • މީހުން ދިރުއުޅޭ ރަށްރަށުގައި ހިންގާ ފާމަސީތައް.

  • ސިޓީތަކުގައި، ފްރެންޗައިޒް އުޞޫލުން ހިންގާ ތަންތަން ފިޔަވައި، ރީޓެއިލް އުސޫލުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މުދާ ވިއްކާ ތަންތަނާއި ކެއިންބުއިމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން
  • ސިޓީތަކުގައި ހިންގާ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން
  • މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ގާއިމުކޮށްފައިވާ ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން
  • ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކާއި ސަރަޙައްދީ ވައިގެ ބަނދަރުތައް
  • އެކި މުނާސަބަތުތަކާއި ގުޅިގެން، މީހުން ދިރިއުޅޭ ރަށްރަށުގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް އެދޭ ފަރާތްތައް.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޭން ނިންމާފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. މި މުއްދަތުގައި ވިޔަފާރި ކުރާތަންތަނުން އަމަލު ކުރަންޖެހޭނެ އުސޫލުތައްވެސް ވަނީ ކަނޑައަޅައިފައެވެ

އެގޮތުން ވިޔަފާރިކުރާ ތަނުގެ ބޭރުން ބަލާއިރު، ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކޮށްފައި ހުންނަންވާނެ ކަމަށާއި 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓް ކުރަންވާނެ ކަމަށާއި ވިޔަފާރިކުރާ ފަރާތުން އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގާވާއިދުތަކާއި އެއްގޮތަށް ވިޔަފާރި ހިންގާނެ ނިޒާމެއް ގާއިމުކުރަންވާނެ ކަމަށާއި 24/7 ހިމެނޭ ނަން ބޯޑެއް ބޭރަށް ފެންނާނެ ގޮތަށް ބަހައްޓަން ވާނެކަމަށް ބުނެފައިވެއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރަން އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުމުން 2000 ރުފިޔާގެ ފީ އެއް މީރާ އަށް ދައްކަންޖެހޭ ކަމަށް އުސޫލުގައި ވެއެވެ.