އަނިޔާ ލިބޭ އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ކޮންމެ މަރުޙަލާއެއްގައި ވެސް ލިބެން ޖެހޭކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ދުވަހާ ގުޅިގެން މިނިސްޓަރު ޝިދާތާ ވިދާޅުވީ މިފަދަ މައްސަލަތަކަށް ކަމާބެހޭ މުވައްސަސާތަކުން ސަމާލުކަންދޭންޖެހޭ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެންބަރު 25ން ޑިސެންބަރު 10ށް ފާހަގަ ކުރަނީ ންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމު "16 ޑޭސް އޮފް އެކްޓިވިޒަމް"ގެ ގޮތުގައެވެ.

މިއަހަރުގެ ހަރަކާތްތައް ފެށުމަށް މިއަދު ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ އަނިޔާ ލިބޭ ފަރާތްތަކަށް އާއިލާގެ ތެރެއިންނާއި، ރައްޓެހިންގެ ފަރާތުންނާއި މުޅި މުޖުތަމަޢުގެ ތެރެއިން އެހީތެރިކަން ލިބެން ޖެހޭ ކަމަށެވެ.

މިދުވަސްތައް ފާހަގަ ކުރުމަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރު ކަމަށްވާ "ހިއަރމީޓޫ: އެންޑް ވަޔަލަންސް އަގެއިންސްޓް ވިމެން އެންޑް ގަރލްސް"ގެ ބޭނުމަކީ ވެސް އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާއި، އެ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މި ބާވަތުގެ އަނިޔާ ހުއްޓުވުމަށް ބާރުއަޅައި، ކަމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތަކުގެ މެދުގައި ޑައިލޮގެއް އުފެއްދުން ކަމަށް ޝިދާތާ ވިދާޅުވިއެވެ.

މީގެ އިތުރުން އަންހެނުނަށާއި އަންހެންކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މިނިސްޓްރީއަށް ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާ ކަމަށާއި މިދިޔަ މަހު އެކަނިވެސް، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 29 މައްސަލަ މިނިސްޓްރީއަށް ހުށަހެޅިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ތެރެއިން 25 މައްސަލައަކީ އަންހެނުންނާ ގުޅުން ހުރި މައްސަލަތައް. އަންހެނުންނަށް ކުރާ އަނިޔާއަކީ މި މުޖުތަމައުގައި ނުހިނގާ ކަމެއްގެ ގޮތުގައި ބައެއް މީހުން ގަބޫލުކުރުމަކީ ކަންބޮޑުވާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ "16 ޑޭސް އޮފް އެކްޓިވިޒަމް" ފާހަގަކުރުމުގެ ގޮތުން، ޖެންޑާ މިނިސްޓްރީގެ ފަރާތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. އެގޮތުން، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް ސޯޝަލް މީޑިއާ ކެމްޕޭނަކާއި ވިލިމާލޭގެ ޒުވާނުންނަށް އަމާޒު ކޮށްގެން އަންހެނުންނާއި އަންހެން ކުދިންނަށް އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިއެވެ.