ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދޫނިދޫ ޖަލުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު މިއަދު މެންދުރު ދޫނިދޫ އަށް ވަޑައިގެން ޖަލުގެ ހާލަތު ބައްލަވާލައްވާފައިވާ ކަމަށެވެ.

ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދުދީދީ އާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިހް ޢިމްރާން އަބްދުﷲ ވެސް ދޫނިދޫ ޖަލަށް ވަޑައިގެންނެވިއެވެ.

ރައީސް ވަނީ ދޫނިދޫ ޖަލަށް ޒިޔާރަތް ކުރައްވައި، ސިޔާސީ ބޭފުޅުން ހައްޔަރުކުރައްވާފައި ބޭތިއްބެވި ގޮޅިތަކާއި، ޖަލުގެ އާންމު އެހެން ގޮޅިތައް ބައްލަވާލައްވައިފައެވެ.

އަދި ޖަލުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންހުރި ކަންތައްތަކުގެ މައުލޫމާތުވެސް ރައީސް ވަނީ އޮޅުންފިލުއްވައިފައވެެ. އަދި އެކަންކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރާއެކު ރައީސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.