25 Nov 2018, 17:51
އަސްކޮއި ޖަމާއަތުގެ ހަވާލުގައި އުމްރާ އަށް ފުރަން އުޅުނު ބަޔަކަށް ނުފުރި ފޭކް ޓިކެޓުތަކެއްގެ މައްސަލަ ފެންމަތިވެއްޖެއެވެ.
އަސްކޮއިގެ ހަވާލުގައި މިއަދު އުމްރާ އަށް ފުރަން އެއާޕޯޓަށް ދިޔަ މީހަކު ބުނީ އެންމެ ފުރަތަމަ ފުރަން ހަމަޖެހިފައިއޮތީ މިއަދު ހެނދުނު ކަމަށާއި ރޭ 20:30 ގައި ފޮށިތައް ގެންދަން އެންގި ކަމަށެވެ.
"އެކަމަކު ފަހުން ގުޅާފައި ބުނީ ފުރުން މެންދުރަށް ބަދަލުވެއްޖެއޭ. ފޮށިތައް ހިފައިގެން އަންނާށޭ. 1:30 އަށް އެއާޕޯޓަށް ދިޔައިރު ހަވާލުވާނެ މީހަކު ނާދޭ. ފޯނަށް ގުޅުމުން ޖަވާބެއް ނުދޭ،"
އޭނާ ބުނީ މިއަދު މެންދުރު އުމުރާ އަށް ފުރަން 48 މީހަކު އެއާޕޯޓަށް ދިޔަ ކަމަށެވެ.
"ހެނދުނު ވެސް 48 މީހަކު އަސްކޮއިގެ ހަވާލުގައި އުމްރާ އަށް ފުރި. މެންދުރު 48 މީހަކު ފުރަން ދިޔައީ. އެއާޕޯޓުގައި ތިބޭތާ އެތައް އިރެއްވީފަހުން ބުނީ ޓިކެޓުގެ މައްސަލަތަކެއް ދިމާވެ ފުރުން ލަސްވެއްޖެ ކަމަށް،" އޭނާ ބުނީ އަސްކޮއި އިން އުމްރާވެރިންގެ ޓިކެޓު ނެގީ އޭސް މެދުވެރިކޮށް ސްރީލަންކަން އެއާލައިނުން ކަމަށާއި އޭސް އިން ޓިކެޓު ނެގީ ޑީޕީ ކިޔާ ކުންފުންޏެއް މެދުވެރިކޮށް ކަމަށެވެ. 160 އަށް ވުރެ ގިނަ ފޭކް ޓިކެޓު ދޫކޮށްފައިވާ ކަމަށާއި އަސްކޮއިގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ވެސް އޭނާ ބުންޏެވެ.
"މިހާރު ބުނެފައި އޮތީ 28 ގައި ފުރޭނެ ކަމަށް. އެކަމަކު ޔަގީން ކަމެއް ނުދޭ. 90 ޕަސެންޓް ފައިސާ ދައްކާފައިވާކަމަށާއި ޓިކެޓަށްވާ ބާކީ ފައިސާ މިއަދު ދައްކާނެ ކަމަށް ވެސް ބުނި،"
އަސްކޮއިގެ ހަވާލުގައި އުމުރާ އަށް ދާ މީހުންގެ ތެރޭގައި ރަށްރަށުން އައިސް ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުންވެސް އެބަތިބި ކަމަށާއި އެމީހުން މާލޭގައި ތިބެންޖެހޭ އިތުރު ދުވަސްތަކުގައި އަތުންދާ ހަރަދު އަސްކޮއިގެ ފަރާތުން ދޭގޮތަށް އަދި ހަމަނުޖެހޭ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
މި މައްސަލާގައި އަސްކޮއި ޖަމާއަތުގެ ބަހެއް ލިބެގޮތް ވަނީ ނުވެފައެވެ.