ރައްޔިތުންގެ މަޖިލީހުގެ މުހިންމު ގިނަ ކޮމެޓީތަކަކާ އެކު ސަރުކާރަށް ގިނަ ކޮމެޓީތަކެއްގެ އަޣުލަބިއްޔަތު ލިބެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އަލުން މަޖިލީހުގެ ކޮމެޓީތަކުން ޕާޓީތަކަށް ލިބޭ ސްލޮޓް ތަކާއި އެކު މެންބަރުންގެ ނަންތައް ވެސް ވަނީ އެކުލަވާލާފަ އެވެ.

އެގޮތުން ދާއިމީ ކޮމެޓީތަކުގެ ތެރެއިން ހަތް ކޮމެޓީއެއްގެ އަގުލަބިއްޔަތު ސަރުކާރު ކޯލިޝަނަށް ލިބޭ އިރު ފަސް ކޮމެޓީއެއްގެ އަގުލަބިއްޔަތު ލިބެނީ އިދިކޮޅު ޕީޕީއެމަށެވެ. އަދި ސުލޫކީ ކޮމެޓީގެ މައުލޫމާތު ހާމަ ނިކުރި ނަމަވެސް ބެލެވޭ ގޮތުގައި އެ ކޮމެޓީގެ އަގުލަބިއްޔަތު ވެސް ލިބޭނީ ސަރުކާރަށެވެ.

ވެރިކަން ކުރާ ކޯލިޝަނަށް އަޣުލަބިއްޔަތު ލިބުނު ކޮމެޓީތަކަކީ މާލިއްޔަތު ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ(241 ކޮމިޓީ)، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ، ޕެޓިޝަން ކޮމެޓީ، އިމްތިޔާޒް ކޮމެޓީ، ގަވައިދު ކޮމެޓީ، އިޖުތިމާއީ ކޮމެޓީ އެވެ.

އިދިކޮޅަށް މެޖޯރިޓީ ލިބުނު ފަސް ކޮމެޓީ އަކީ އިގްތިސާދީ ކޮމިޓީ، ގައުމީ ސަލާމަތުގެ ކޮމިޓީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގެ އިތުރުން އާންމު ކޮމެޓީ އާއި ގައުމީ ތަރައްގީ ކޮމެޓީ އެވެ.

މަޖިލީހުގެ މެންބަރުންގެ ތެރެއިން ހަތް މެންބަރަކު އިސްތިއުފާ ދެއްވުމުން މެންބަރުން އަދަދަކީ 79 އެވެ. އޭގެ ތެރެއިން ވެރިކަން ކުރާ ކޯލިޝަނުގެ މެންބަރުންގެ އަދަދަކީ 42އެވެ. އިދިކޮޅު ޕީޕީއެމްގައި 32 މެންބަރުން ތިބި އިރު އެމްޑީއޭގައި ތިއްބަވަނީ ފަސް މެންބަރުންނެވެ.