25 Nov 2018, 13:27
ލަންޑަން (ނޮވެމްބަރު 25) : އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ކަންތައް (ބްރެކްސިޓް) މިހާރު ވަނީ ނާޒުކު ފައްތަރެއްގައި ކަމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވަމުން ތެރީސާ ވިދާޅުވީ ބްރެކްސިޓްގެ އެއްބަސްވުމުގެ ދެލިކޮޕީ މިހާރު ވަނީ ޔޫރަޕްގެ އިއްތިޙާދުގެ 27 ލީޑަރުންގެ އަތްޕުޅުމަތީގައި ކަމަށާ އެ ދެލިކޮޕީއާ މެދު ގޮތެއް ނިންމަވާނީ އެ 27 ލީޑަރުން ކަމުގަ އެވެ. މީގެއިތުރުން ސްޕޭންގެ ޖިބްރޯލްޓާ ސަރަހައްދު އިނގިރޭސި އިސްތިއްމާރުގެ ދަށުގައި ބޭއްވުމުގެ މައްސަލައަކީ ވެސް ބްރެކްސިޓްގެ އެއްބަސްވުމަށް ޔޫރަޕްގެ އިއްތިޙާދުން ރުހުން ދިނުމާ ގުޅިފައިވާ މައްސަލައެއް ކަމަށާއި އެކަމުގައި ސްޕޭނުން އިނގިރޭސި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރާ މައްސަލަ ވެސް ތެރީސާ ފާހަގަ ކުރެއްވި އެވެ.
ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އިނގިރޭސި އިސްތިއްމާރުގެ ދަށުގައިވާ ސްޕޭންގެ ޖިބްރޯލްޓާ ސަރަހައްދުގެ މިނިވަންކަމާ މެދު އިނގިރޭސި ސަރުކާރުން ގޮތެއް ނުނިންމާ ނަމަ ބްރެކްސިޓްގެ މައްސަލާގައި ޔޫރަޕްގެ ލީޑަރުން މިއަދު ބާއްވާ ސަމިޓް ހުއްޓުވަން ޖެހިދާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ. ސްޕޭނަކީ ޔޫރަޕްގެ އިއްތިޙާދުގެ ލީޑަރުންގެ ސަމިޓް ހުއްޓުވުމުގެ ވީޓޯގެ ބާރު ލިބިފައިވާ ގައުމެކެވެ.
ސްޕޭނުން މިކަން ހުއްޓުވައިފި ނަމަ ބްރެކްސިޓްގެ މައްސަލާގައި ޔޫރަޕްގެ އިއްތިޙާދާއެކު އެއްބަސްވުމަކަށް އައުމަށް އިނގިރޭސިވިލާތަށް ލިބިފައިވާ ފުރްސަތު ގެއްލިގެން ދިޔުމުގެ ފުރްސަތު ބޮޑެވެ. އަދި އެއްބަސްވުމަކާނުލައި ބްރެކްސިޓްގެ ކަންތައް ތަންފީޒުކުރަންޖެހިދާނެ ކަމުގެ ބިރު އެބައޮތްކަން ތެރީސާ ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ބްރެކްސިޓްގެ އެއްބަސްވުމުގެ ދެލިކޮޕީ މިހާރުއޮތްގޮތާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށް އިނގިރޭސި މާލީ ވަޒީރު ފިލިޕް ހާމޮންޑް ވަނީ ވިދާޅުވެފަ އެވެ. އެއީ ބްރެކްސިޓްގެ ނޭދެވޭ އަސަރު އިނގިރޭސި އިގްތިސާދަށް އެންމެ ކުޑަ ވާގޮތަށް އަދި އެކަމަށް އިނގިރޭސިވިލާތުން ދައްކަން ޖެހޭ ފައިސާ ވެސް އެންމެމަދު ވާގޮތަށް އެކުލަވާލާފައިވާ ދެލިކޮޕީކަން ހާމޮންޑް ފާހަގަ ކުރެއްވި އެވެ. އެއްބަސްވުމަކާނުލައި ބްރެކްސިޓް ތަންފީޒުކުރަން ޖެހިއްޖެ ނަމަ އެ މައްސަލާގައި އިނގިރޭސި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި އިނގިރޭސި މުޖްތަމައު ޝައްކާއި ވަހުމުގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރުބޮޑު ކަމަށް ވެސް ތެރީސާ ވިދާޅުވި އެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ (ބްރެކްސިޓްގެ) ގާނޫނީ އަދި އިދާރީ ކަންކަން ނިންމުމުގެ ކުރިން ޖިބްރޯލްޓާ މިނވަންކޮށް އަލުން އަނބުރައި ސްޕޭންގެ ސިޔާދަތަށް އެސަރަހައްދު ރުޖޫއަކުރާނެ ތާރީޚެއް ކަނޑައަޅަން ސްޕޭނުން ބޭނުންވެ އެވެ. ނަމަވެސް ޖިބްރޯލްޓާގައި އޮންނަ އިނގިރޭސީންގެ ސިޔާދަތު ދޫކޮށްލާކަށް އިނގިރޭސި ސަރުކާރުން ބޭނުމެއް ނުވެ އެވެ. މިމައްސަލާގައި އިނގިރޭސީން ދޫނުދީފިނަމަ ޔޫރަޕްގެ އިއްތިޙާދާ އެކު އެއްބަސްވުމަކަށް ނާދެވި ބްރެކްސިޓްގެ ތަންފީޒުކުރަން އިނގިރޭސިވިލާތަށްޖެހިދާނެ ކަމަށާއި މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ މާލީގޮތުންނާއި ވިޔަފާރީގެ ގޮތުން ބޮޑެތި ދަތިތަކަކާ އިނގިރޭސި ދައުލަތް ކުރިމަތިލާންޖެހޭނެ ކަމަށް އިނގިރޭސި މީޑީޔާއިން ބުނެ އެވެ.
ތިރީސް ހަތަރު ހާސް މީހުންގެ އާބާދީއެއް އޮންނަ 6.8 އަކަ ކިލޯމީޓަރުގެ ޖިބްރޯލްޓާ އަކީ އަށާރަ ވަނަ ގަރުނުގެ ތެރޭގައި އިނގިރޭސީން އިސްތިއްމާރުކޮށްފައިވާ ސްޕޭންގެ ދެކުނުގައިވާ ސްޓްރެޓީޖިކް ސަރަހައްދެކެވެ. އެތަން އިނގިރޭސި އިސްތިއްމާރުގެ ދަށުގައި ބާއްވަން އިނގިރޭސި ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ އެތަނުގެ ލޮކޭޝަންގެ މުހިއްމު ކަމުގެ ސަބަބުންނެވެ. ބްރެކްސިޓް އެއްބަސްވުމުގެ ދެލިކޮޕީއަށް ޔޫރަޕްގެ ލީޑަރުންދެކޮޅު ހައްދަވައިފިނަމަ ނުވަތަ ސްޕޭންގެ ވިޓޯގެ ސަބަބުން އެކަމާބެހޭ ޔޫރަޕްގެ ސަމިޓް ނުބޭއްވޭ ގޮތް ވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ތެރީސާގެ ސަރުކާރުން ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބަރ ޕާޓީގެ ބައެއް މެންބަރުން ވަނީ އެފަދަ ހާލަތެއްގައި އާންމު އިންތިޚާބު އަވަސްކުރުމަށް ގޮވާލާނެ ކަމަށް ވިދާޅުވެފައެވެ.
(އަލްޖަޒީރާ+ ނޫސްއެޖެންސީތައް)