25 Nov 2018, 12:30
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މައްޗަށް ދައުލަތުން އުފުލި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ މައްސަލަ ނުބެލޭނެ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ސައުދުގެ މައްޗަށް އެދައުވާ އުފުލާފައި ވަނީ ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގަ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރާއި އެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) އެއްވަނަ ނަމްބަރާއި އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ.
ކްރިމިނަލް ކޯޓުން އެ ކަމުގައި ނިންމާފައި ވަނީ އެ މައްސަލަ މަދަނީ މިންގަނޑުން ނުބެލޭނެ ކަމަށެވެ. އެހެން ކަމުން ކޯޓުން ވަނީ އެ ދައުވާ ބާތިލުކޮށްފަ އެވެ.
Alhamdhulillahi, RaeesYameen ge aniyāveri dhaulathun alhuganduge machah ufadhaafaivā asleh nei terrorism ge siyaasee dhauvaa, madhanee mingandun kuriah gendheven nei kamah kanda alhaa#CriminalCourtin massala ninma#Hukumkohffi.
— Saud Hussain MP (@SaudVillingili)November 25, 2018
މީހަކަށް އަނިޔާވެރިވުމުގެ ގޮތުން އޭނާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް ގެއްލުންދިނުމާއި ގެއްލުންދޭން ރޭވުމާއި ގެއްލުންދޭން އުޅުމަކީ ވެސް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކުށެކެވެ. އެ ކުށުގެ އަދަބެއް ކަމަށް ޓެރަރިޒަމް ގާނޫނުގައި ކަނޑައަޅާފައި ވަނީ 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ސައުދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނަ، އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފުގެ މައްޗަށް ވެސް ކުރި އެވެ.