14:30


އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް ދިހަ ލައްކަ ތިރީސްހާސް އޮސްޓްރޭލިއަން ޑޮލަރުގެ ހިލޭ އެހީއާ 25 ސްކޮލާޝިޕް ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ކެވިން ރަޑް ވިދާޅުވެއްޖެ އެވެ.


އޮސްޓްރޭލިއާގެ ބޮޑު ވަޒީރު މިކަން އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އޮސްޓްރޭލިއާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ބޮޑު ވަޒީރު ކެވިން ރަޑާ އެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ބޮޑުވަޒީރުގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި އެބައްދަލުކުރެއްވުމުގައި މަޝްވަރާތައް ބޮޑަށް އަމާޒުކުރައްވާފައިވަނީ ދެޤައުމުގެ ގުޅުމާ ބެހޭގޮތުންނާއި ރާއްޖޭގެ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ބޮޑުވަޒީރު ކެވިން ރަޑް ނޫސްވެރިންނާ ބައްދަލުކުރައްވައި އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖައްސާފައިވާ އެހީތަކުގެ ތަފްސީލް ދެއްވި އެވެ. އެގޮތުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ހުއްޓުވުމަށާއި އެކަމަށް އަހުލުވެރިވުމަށްޓަކައި ފަސްލައްކަ އޮސްޓްރޭލިއަން ޑޮލަރު ދިނުމަށާއި، އ.ދ.ގެ ތަރައްޤީގެ ޕްރޮގްރާމްތަކާ ގުޅިގެން ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތައް ތަރައްޤީކުރުމަށް އެހީތެރިވުމުގެ ގޮތުން ތިން ލައްކަ އޮސްޓްރޭލިއަން ޑޮލަރު ދިނުމަށާއި، ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން ދެލައްކަ ތިރީސްހާސް އޮސްޓްރޭލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާކަން ބޮޑު ވަޒީރު ވިދާޅުވި އެވެ. އަދި އޮސްޓްރޭލިއާގެ އެހީގައި ރާއްޖެއަށް އަންނަ އަހަރަށް 25 ސްކޮލަރޝިޕް ދިނުމަށް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.


މީގެއިތުރުން ޓީޗަރުން ތަމްރީނުކުރުމުގައި އެހީތެރިވުމަށް ހަ ވޮލަންޓިއަރުން ފޮނުވައިދިނުމަށާއި ރާއްޖޭގެ ތަޢުލީމާއި، ތިމާވެށްޓާއި، ސައެންސާއި، ޞިއްޙަތާއި، ސަރުކާރު ހިންގުން ހަރުދަނާކުރުމުގެ ދާއިރާގައި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ހަރުދަނާކޮށް އިތުރުކުރުމަށް އެހީތެރިވެދިނުމަށާއި، ރާއްޖޭގެ މިނިވަން މުއައްސަސާތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުން ދެއްވުމަށް ހަމަޖައްސާފައިވާ ކަމަށްވެސް އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ރައީސުލްޖުމްހޫރިއްޔާއާ އެކު ބޮޑު ވަޒީރު ބޭއްވި ބައްދަލުވުމުގައި ބޮޑުވަޒީރު ރަޑް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަކީ ހަރުދަނާ ލީޑަރެއް ކަމަށާއި، "ޑިމޮކްރަސީގެ ޗެމްޕިއަނެއް" ކަމުގައި ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، "ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވެފައިވާ ރާއްޖޭގެ ރައީސަކު އޮސްޓްރޭލިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު" ކަން ފާހަގަކުރެއްވި އެވެ. އަދި އޮސްޓްރޭލިއާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.


އެބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ ގޮތުން މިކުރެވޭ މަސައްކަތްތަކުގައި އޮސްޓްރޭލިއާގެ ދައުރު ވަރަށް މުހިންމު ކަމުގައި ވިދާޅުވެ، ބޮޑުވަޒީރު ރަޑް ކޯޕަންހޭގަންގައި ކުރެއްވި މަސައްކަތްޕުޅުތައް ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ. އަދި މި މައްސަލައަށް ޙައްލެއް ހޯދުމަށް ކުރެވޭ މަޝްވަރާތަކުގައި ކުދި ޤައުމުތަކުގެ ދިފާޢުގައި ބޮޑުވަޒީރު ރަޑް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާކަމަށް ވިދާޅުވެ، ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވި އެވެ.


މިބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޮޑުވަޒީރު ރަޑް ބޭއްވެވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި އެވެ.