ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ހަތަރު އަތޮޅެއްގެ މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ލީގަލް އަދި ކަމާ ބެހޭ އިދާރާތަކުގެ މުވައްޒަފުންނަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރުމުގައި އިޖުރާއީ ގޮތުން ދިމާވާ ދަތިތަކާއި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާތަކެއް ފަށައިފި އެވެ.

ޑީޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން ބުނީ އިއްޔެ އިން ފެށިގެން އަންނަ ބުދަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ހއ، ހދ، ށ، އަދި ނ. އަތޮޅުގެ މެޖިސްޓްރޭޓުންގެ އިތުރުން އެ ހަތަރު އަތޮޅުގައި މަސައްކަތްކުރައްވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނަށް އަމާޒުކޮށްގެން ކަމަށެވެ.

ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ބާއްވާ ސެމިނާގެ ތެރެއިން --- ފޮޓޯ: ޑީޖޭއޭ

ހަތަރު އަތޮޅަށް އަމާޒުކޮށްގެން ބާއްވާ އެ ސެމިނާ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ހދ. ކުޅުދުއްފުށީ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ސެމިނާ ރޫމްގަ އެވެ. އަދި އެ ބައްދަލުވުންތަކުގައި 36 ފަރާތް ބައިވެރިވާ ކަމަށް ވެސް ޑީޖޭއޭ އިން ބުނެ އެވެ.

ސެމިނާރުގެ ސެޝަންތައް ނަންގަވައިދެއްވާނީ ހައި ކޯޓުގެ ފަނޑިޔާރު ޢަލީ ސަމީރު، ޑްރަގް ކޯޓުގެ އިސް ޤާޟީ ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު އަދި ޑްރަގް ކޯޓުގެ ޤާޟީ ޢަލީ ރަޝީދު ޙުސައިން އެވެ.

މިމަހު ކުރީ ކޮޅުގައި ވެސް ވަނީ އެ ހަތަރު އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، ލީގަލް މުވައްޒަފުންނަށް އަމާޒުކޮށްގެން ޤާނޫނުލް ޢުޤޫބާތާ ބެހޭ ޤަޟާއީ ސެމިނާރެއް ބާއްވާފަ އެވެ. ފަސް ދުވަހުގެ އެ ބައްދަލުވުން ވެސް ބާއްވާފައި ވަނީ ކުޅުދުއްފުށީގަ އެވެ.