25 Nov 2018, 09:46
ކަލާޒް ޓީވީ އިން ގެނެސްދޭ ޖެނިފާ ވިންގެޓް އަދި ހަރްޝަދް ޗޯޕްޑާގެ މަގްބޫލު ޑްރާމާ ސިލްސިލާ، 'ބޭޕަނާ' ހުއްޓާލަން ނިންމައިފި އެވެ.
ޚަބަރުތައް ބުނާ ގޮތުން، ޑްރާމާގެ އެންމެ ފަހު އެޕިސޯޑު އޮން އެއާ ކުރާނީ އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.
އެ ޑްރާމާ ނިންމާލަން އުޅޭކަމަށް ރިޕޯޓުތައް ބުނާތާ ދުވަސްތަކެއް ވެފައިވާ އިރު، ބަތަލާ ޖެނިފާ މިވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ޖެނިފާ ކުރި ދިގު އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައި ވަނީ ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެ ކަމަށާއި 'ބޭޕަނާ' އިތުރަށް ދިގުނުކޮށް ނިންމާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ބެލުންތެރިންގެ ފަރާތުން ލިބުނު ލޯތްބާއި ތަރުހީބަށް ޝުކުރު އަދާކޮށް، ޖެނިފާ ވަނީ ޑްރާމާގެ ކާސްޓާއި ޕްރޮޑަކްޝަން ޓީމުގެ މަސައްކަތް ވެސް ފާހަގަކޮށްފަ އެވެ. ޝޯ ހުއްޓާލަން ޖެހޭތީ ދެރަވާ ކަމަށާއި ނަމަވެސް އެ ޑްރާމާގައި މަސައްކަތް ކުރުމުގެ ނަސީބު ލިބުމުން އެކަމަށް ޝުކުރުވެރިވާ ކަމަށް ޖެނިފާ ބުންޏެވެ. ޖެނިފާ ބުނީ 'ބޭޕަނާ' ހުއްޓާލި ނަމަވެސް އެހެން ޕްތޮޖެކްޓަކުން ވަރަށް އަވަހަށް އޭނާ ފެންނާނެ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ޖެނިފާ ދެން ފެނިގެން ދާނީ ސައުތު އިންޑިއަން ފިލްމު އިންޑަސްޓްރީގެ އުފެއްދުމަކުންނެވެ. އަނިރުދާ ރާޖްދޭރްކަރް ޑައިރެކްޓު ކުރާ އެ ސިލްސިލާ ދައްކަން ފެށީ މި އަހަރުގެ މާޗު މަހު އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދައި މިހާރު އެންމެ ގިނަ ބަޔަކު ބަލާ އެއް ޑްރާމާއަށް 'ބޭޕަނާ' ވަނީ ވެފަ އެވެ.