25 Nov 2018, 09:49
އަބްދުﷲ ވިޝާމްގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ ފިލްމް "ވިޝްކާ"ގެ އިތުރު ޝޯއެއް ހުޅުމާލޭ ޝްވެކްގައި އެޅުވުމަށް ނިންމައިފި އެވެ.
ފިލްމްގައި ހަރަކާތްތެރިވި ކުޅަދާނަ ބަތަލާ އާއިޝަތު ރިޝްމީ ރަމީޒްގެ އިންސްޓަގްރާމް ސްޓޯރީގައި ބުނީ "ވިޝްކާ"އެޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ފިލްމު އަޅުވާނީ މި މަހުގައި ކަމަށެވެ. އަދި ފިލްމު އަޅުވާނޭ ބުރާސްފަތި ދުވަހެއްގެ ރޭ ނުވަތަ ހުކުރު ދުވަހުގެ ރޭ ކަމަށް ވެސް އޭނާގެ "ސްޓޯރީ"ގައި ވަނީ ބުނެފަ އެވެ.
"ސަން"އަށް މައުލޫމާތު ދެމުން ރިޝްމީ ބުނީ ފިލްމުގެ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށާއި އަދި ފިލްމުގެ ޓިކެޓްގެ ކަންތައްތައް ކުރިއަށްދާނެ ގޮތް ވެސް ހިއްސާކުރާނެ ކަމަށެވެ.
ރަވީ ފާރޫގް ޑައިރެކްޓްކޮށް ރިޝްމީ ޕްރޮޑިއުސްކުރާ ކްރައިމް ތްރިލާ އެ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ރަވީގެ އިތުރުން ރިޝްމީ އާއި މުހައްމަދު ސައީދެވެ.
"ވިޝްކާ" ދިވެހި މުޖުތަމައުގައި ހިނގާ މާރާމާރީ އާއި ސިޔާސީ ކަންތައްތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމަކީ ލޯތްބާއި ނަފްރަތާއި ދަހިވެތިކަމާއި އަނިޔާވެރިކަން ފަދަ ކަންތައްތައް އެކުލަވައިލައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ރާއްޖޭގެ ކުށުގެ ވެށި ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ ފިލްމެއް ވެސްމެ އެވެ.
ފިލްމްގައި ދައްކުވައިދެނީ އަމިއްލަ އެދުމުން ފޯވެފައިވާ ދެ ފިރިހެނެއްގެ މެދުގައި ތާށިވާ ޒުވާން އަންހެނެއްގެ ވާހަކަ އެވެ.
ދެ ގަޑިއިރާއި 17 މިނެޓްގެ އެ ފިލްމުން ރިޝްމީއަށް ވަނީ ސާކް ފެންވަރުގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފަ އެވެ.
ވިޝްކާ" ފިލްމް ނުބެލި ތިބި މީހުންނަށް މި ފިލްމް ބަލައިލުމަށް މި ލިބުނު ފުރުސަތަކީ ރަނުގެ ފުރުސަތެކެވެ.