ވޮޝިންގްޓަން ( ނޮވެމްބަރު 24) : ސައުދީ އަރަބިއްޔާ ނެތް ނަމަ އިސްރާއިލް އޮންނާނީ ބޮޑު މުސީބާތެއްގެ ތެރޭގައި ކަމަށް އެމެރިކާގެ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެެވެ.

ސައުދީ އަރަބިއްޔާއިން ދާދިފަހުން މަރާލި ނޫސްވެރިއާ ޖަމާލް ޚަޝޯގްޖީގެ މައްސަލާގައި ނިއުސް ރިޕޯޓަރަކު ކުރެއްވި ސުވާލެއްގައި ޓްރަމްޕް ވިދާޅުވީ އިސްރާއިލުގެ ހަމަޖެހުމާ ސައުދީއާ ގުޅިލާމެހިފައިވާ ކަަމަށެވެ.

"އިސްރާއިލާ މެދު ވިސްނާލެއްވިއްޔާ އެނގިވަޑައިގެންނަވާނެ ސައުދީއާ ނުލައި އިސްރާއިލް އޮންނާނީ ބޮޑު މުސީބާތެއްގެ ތެރޭގައިކަން. ތިޔަ ބޭފުޅުން ބޭނުންވަނީ އިސްރާއިލް ނެތިދާންތަ.؟ ސައުދީ އަރަބިއްޔާއަކީ އަހަރުމެންނަށް ވަރަށް މުހިންމު ބައިވެރިއެއް." ޓްރަމްޕް ވިދާޅުވި އެވެ.

ނޫސްވެރިއާގެ މައްސަލާގައި ސައުދީ ޒިންމާދާކުރަން ނުޖެހޭނެތޯ އެއްސެވުމުން ޓްރަމްޕް ވަނީ އެ ސުވާލުން ރެކެން މަސައްކަތް ކުރައްވައިފަ އެވެެ.

"ދުނިޔެއަކީ ވަަރަށް އަނިޔާވެރިތަނެއް. އަޅުގަނޑުމެން [އެމެރިކާ]އިން ވަކި ހަމަތަކަކާއި އުސޫލުތަކެއްގައި ހިފަހައްޓައިފި ނަމަ އަޅުގަނޑުމެންނަކަށް ނުލިބޭނެ އެއްވެސް ބައިވެރިއެއް." ޓްރަަމްޕް ވިދާޅުވި އެވެ.

ނޫސްވެރިއާގެ މައްސަލާގައި އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނީ އެނާ މަރާލީ ވަލީ އަހުދުގެ ސީދާ އަމުރަށް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ ޚަޝޮޖްގީ މަރާލީ ސައުދީ ވަލީއަހުދުކަން، ސީއައިއޭ އިން ނުނިންމާ ކަމަށެވެ.

ސައުދީ އަރައްބިއްޔާ އެންމެ ފުރަތަމަ ވުޖޫދަށް އައީ 1744 ވަނަ އަހަރުއެވެ. ވައްހާބީ މަޒްހަބްގެ ބާނީ މުހައްމަދު ބިން އަބްދުލް ވައްހާބާއި، މުހައްމަދު ބިން ސައުދާ ދެމީހުން ބައިވެރިވެ، އޭރު އޮތް އިސްލާމީ ދައުލަތް އުސްމާނީ ޚިލާފަތާ ދެކޮޅަށް ހަނގުރާމަކޮށް "އިމާރާތުއް ދިރިއިއްޔާ"ގެ ނަމުގައި ވަކިވެގަނެގެން ވަކި ދައުލަތެއް އުފެއްދި އެވެ.

ނަމަވެސް ފަހުން އުސްމާނީ ދައުލަތާއި މިސްރުގައި އޭރު ވެރިކަން ކުރަމުން ދިޔަ އިބްރާހިމް ޕާޝާގެ ލަޝްކަރު ވަނީ އަލުން އެތަން ފަތަހަކޮށްފަ އެވެ. އޭރު އިމާރާތުއް ދިރިއިއްޔާގެ ވެރިއަކަށް ހުންނެވި އަބްދުﷲ ބިން ސައުދު ފަހުން ހައްޔަރުކުރި އެވެ. އަބްދުﷲ ފަހުން ވަނީ އުސްމާނީ ދައުލަތުގެ ހަލީފާގެ ކުރިމަތީ މެރުމަށް ފަހު އޭނާގެ ބޯ ތުރުކީގެ ބޮސްފޮރަސް ކަނޑަށް ފައްތާފަ އެވެ.

ނަމަވެސް އިބްނު ސައުދަށް ކާފަ ކިޔާ ދަރިއަކު ވަނީ މިސްރުގެ ލަޝްކަރުތަކާ ހަނގުރާމަކޮށް، "އަމީރާތު އޮފް ނަޖްދު"ގެ ނަމުގައި އަނެއްކާ ވެސް ދެވަނަ ސައުދީ ދައުލަތެއް 1824 ގައި އުފައްދައިފަ އެވެ. ނަމަވެސް އެ ވެރިކަމުގައި އުފެދުނު އާއިލީ ވެރިކަމުގެ ކޯޅުމާ އެހެނިގެން ސަބަބުތަކާ ހުރެ އެ ދައުލަތް އުވިގެންދިޔަ އެވެ.

ތިން ވަނަ ސައުދީ ދައުލަތް އަދި މިހާރުގެ ސައުދީ އަރަބިއްޔާ ވުޖޫދަށް އައީ 1932 ވަނަ އޭރު ހިޖާޒްގެ ރަސްކަލަކަށް ހުންނެވި އަލީ ބިން ހުސައިންއާ ދެކޮޅަށް ހަނގުރާމަކޮށް އެތަން ހިފުމަށްފަހު އެވެ.

މަސްދަރު: ޓައިމްސް އޮފް އިސްރާއިލް