ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވައްދަވާނޭ ކަމަށާއި އެއްވެސް ވަރަކަށް ތަފާތުކުރުން ނުގެންގުޅުއްވާނޭކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް، އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ، ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018 ހުޅުވުމުގެ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މަހުލޫފް ވިދާޅުވީ، އެމްޑީއޭގެ މެންބަރުންތަކަކާއެކު ފުޓްބޯޅަ މުބާރާތެއް ހުޅުވުމަށް ނ. ކެނދިކުޅުދުއަށް ވަޑައިގަންނަކަން އެނގުމުން، ބައެއް ފަރާތްތަކުން އެކަމާ ވަރަށް ބޮޑަށް ސުވާލުއުފެއްދެވި ކަމަށެވެ.

"މުބާރާތުގެ ދައުވަތު އަޅުގަނޑު ގަބޫލުކުރީ ވަރަށް އުފަލުން. މިތަނަށް އަންނަން އުޅުނީމަ ބައެއް މީހުން ސުވާލުކުރި ކީއްވެހޭ މަހުލޫފު މިއަންނަނީ އެމްޑީއޭ ބަޔަކާއެކީ،" ކުރިން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ކުރެއްވި، މިހާރުގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ވެސް ވަޒީރުކަމާ ހަވާލުވެފަ އަޅުގަނޑު ދެންނެވިން، ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަމެއް ނުވައްދާނަމޭ، ސަބަބަކީ ކުޅިވަރަކީ އަޅުގަނޑުމެންގެ ގައުމުގައި ސިޔާސީ ގޮތުން ބައިބައިވެފައި އޮންނަ ކޮންމެ ދަނޑިވަޅެއްގައި އަޅުގަނޑުމެން އެންމެން އެއްކޮށްލައިދޭ ކަމެއް.

"އެހެންކަމަށް ވުމާއެކު އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ މަސައްކަތުގައި އެއްވެސް އެކަހަލަ ތަފާތުކުރުމެއް ނެތި، ވީހާވެސް އެކުވެރިކަމާއެކު ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭނޭ ގޮތަށް މިކަންކަން ގެންދާނަން."

މަހުލޫފު ވިދާޅުވީ، އޭނާއަކީ ޚާއްސަކޮށް ފުޓްބޯޅައަށް ވަރަށް ލޯބިކުރާ ބޭފުޅެއް ކަމަށާއި، އެންމެ ކުޑައިރުއްސުރެންވެސް ގައުމީ ޓީމަށް ކުޅުމަކީ އަޒުމެއް ކަމުގައި ހެއްދެވި ކަމަށެވެ.

"އަޅުގަނޑުގެ ވަރަށް ލޯބި އެބަހުރި ޖުމްލަކޮށް ކުޅިވަރަށް. އިރާދާކުރެއްވިއްޔާ މި ފަސް އަހަރު ތެރޭގައި އަޅުގަނޑަށް މި ފުރުސަތު އޮތްހާ ދުވަހަކު މިކަމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން،" މަހުލޫފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުގެ އިންފްރާ ސްޓްރަކްޗަރ ވަރުގަދަކުރުމަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށެވެ.