24 Nov 2018, 16:56
އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ދާއިރާތައް މިމަހުގެ 30ގައި އިއުލާނު ކުރާނެކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީއިން މަޖިލިސް އިންތިހާބުގައި މަސައްކަތް ކުރާނެ ގޮތުގެ ޓައިމްލައިން މިއަދު އާންމުކޮށްފައިވާއިރު ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހު ހަތްވަނަ ދުވަހު ހުޅުވާލާނެއެވެ. މި ޕްރައިމަރީގައި ވާދަކުރެވޭނީ އެދުވަހާއި ހަމައަށް އެޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީހުންނަށެވެ.
ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައިވަނީ ޖެނުއަރީ 18 ވަނަ ދުވަހުއެވެ.
ޕްރައިމަރީގައި ވާދަކުރުމަށް އެޕްލިކޭޝަން ފޯމު ހުށައަޅާއިރު ތާއީދުފޯމްގައި ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި ކުރިމަތިލާ ދާއިރާއަށް ވޯޓުލުން ހައްގުވާ 200 މީހުންގެ ސޮއި ހުށަހަޅަން ޖެހެއެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަ ކުރުމާ މެދު އެ ޕާޓީގެ ނުރަސްމީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އިއްޔެ ވަނީ މަޝްވަރާކޮށްފައެވެ. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެން އެ ބައްދަލުވުމުގައި 87 ދާއިރާއަށް މެމްބަރުން ވާދަ ކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރަކު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މުޅިން އަދި އެގޮތަށް ފައިނަލްކޮށް ނުނިންމާ ކަމަށް އެ މެމްބަރު ވިދާޅުވިއެވެ. ފައިނަލް ނިންމުން ނިންމާނީ ގައުމީ މަޖިލީހުގެ ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ފަހު ކަމަށްވެސް އެ މެމްބަރު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރައީސް ކަމުގެ ހުވާ ކުރުމުގެ ކުރިން 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ކައުންސިލު އިންތިހާބުގައިވެސް ވާދަ ކުރާނީ ކޯލިޝަނުގެ ޕާޓީތައް އެއްކޮށް ކަމަށެވެ. އެއީ އެގޮތަށް ކޯލިޝަން އެގްރިމެންޓްގައި ލިޔެފައިވާތީ ކަމަށް ރައީސް ޞާލިހު އޭރު ވިދާޅުވިއެވެ.
މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރުމާ މެދު މަޝްވަރާ ކުރި ނަމަވެސް އަދި ކޯލިޝަނުގެ އެހެން ޕާޓީތަކުގެ މެދުގައި އެ މަޝްވަރާ ކުރިއަށް ދިޔަ ކަމެއް ސާފެއް ނުވެއެވެ.