ރާއްޖޭގައި ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތަކުގެ ދެ މަސްދުވަހުގެ ޓްރާންސްމިޝަން ރެކޯޑުކުރެވޭ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފަށައިފި އެވެ.

މި މަހުގެ 22 ވަނަ ދުވަހު ބުރޯޑްކާސްޓިން ކޮމިޝަނުން ވަނީ ތިން ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރާ ރެކޯޑިން ސިސްޓަމް ގަނެދޭނެ ފަރާތެއް ހޯދަން ބީލަން ހުޅުވާލައި އާންމުކޮށް އިއުލާން ކޮށްފަ އެވެ.

ބުރޯޑްކާސްޓިން ކޮމިޝަންގެ ޑިރެކްޓާ މުހަންމަދު ނާސިހު މިއަދު ވިދާޅުވީ އެ ކޮމިޝަނަށް ގަންނަން އިއުލާންކުރި ރެކޯޑިން ސިސްޓަމުން ފަސް ޓީވީ ޗެނަލާއި އަށް ރޭޑިއޯޗެނަލްގެ ޓްރާންސްމިޝަން ދެ މަސްދުވަހުގެ މުއްދަތަށް ރެކޯޑުކޮށް ބެލޭނެ ކަމަށެވެ.

"ފުރަތަމަ މިއީ ބޭސިކް ސިސްޓަމެއް. އޭގައި ހިމެނޭނީ ދެ މަސްދުވަހަށް ރެކޯޑުކޮށް އަދި ސާޗްކުރެވޭ ފީޗާއެއް. ދެން އިތުރު ޗެނަލްތައް އެ ސިސްޓަމްގެ ތެރެއަށް އިތުރުވެސް ކުރެވެން ޖެހޭނެ،" ނާސިހު ވިދާޅުވި އެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހު ބިޑް ޑޮކިއުމަންޓްތައް ހުޅުވުން އޮންނަ އިރު އަށް ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ނާސިހު ވިދާޅުވި އެވެ. އޭގެތެރޭގައި ބޭރުގެ ކުންފުނިތައް ހިމެނޭ ކަމައްވެސް އޭނާ ވިދާޅުވި އެވެ.