24 Nov 2018, 17:02
ލަންކާގެ ސިޔާސީ މަޝްރަހު ހޫނުވެ، އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއަށް ލަންކާގެ ޕާލަމަންޓްގެ މުހިންމު ކޮމެޓީއެއްގެ އަޣުލަބިއްޔަތު ގެއްލިއްޖެއެވެ.
ލަންކާގެ ޕާލިމަންޓް އެޖެންޑާކުރާ ކޮމެޓީގެ އަޣުލަބިއްޔތު މިހާރު ވަނީ ރާޖަޕަސްކާއާ އިދިކޮޅު އަދި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްއަށް ތާއިދުކުރާ ފަރާތްތަކުން ހޯދައިފައެވެ.
ލަންކާގެ ސިޔާސީ މަޝްރަހު ހަލަބޮލިވީ މިދިޔަ މަހު 26 ވަނަ ދުވަހު އެގަމުގެ ރައީސް މައިތިރިޕަލަ ސިރިސޭނާ، ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް މަގާމުން ދުރުކޮށް ރާޖަޕަކްސާ އެމަގާމަށް އައްޔަނުކުރެއްވުމުންނެވެ. ރާޖަޕަކްސާ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަނުކުރީ ޕާލިމަންޓްވެސް އުވާލައިފައެވެ.
ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުންވެސް ދާދި ފަހުން ވަނީ ފާސްކޮށްފައެވެ. އަދި ރަނިލް މިހާރުވެސް ވިދާޅުވަމުންދަނީ އޭނާއަކީ ބޮޑުވަޒީރު ކަަމަށެވެ.
އިތުބާރު ނެތް ކަމުގެ ވޯޓަށް ފަހު ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ޕާޓީން ބުނީ އެވޯޓު ނަގާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށާއި ވޯޓުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށެވެ.
އަދި ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ފާސް ކުރި ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮތް ރަނިލް ވިކްރަމަސިންހައަށް ވެރިކަމަށް ވަޑައިނުގަނެވޭނެކަމަށެއެވެ. ސަބަބަކީ ބޮޑުވަޒީރު އައްޔަން ކުރުމުގެ ބާރު ލިބިފައި ވަނީ ރައީސް ސިރިސޭނާއަށް ކަމަށްވާތީއެވެ.