25 Nov 2018, 10:17
"ޑިޒައިނާ ރަޒީ"ގެ ނަމުގައި ފެހުމުގެ ސިލަބަހެއް ބާޒާރަށް ނެރެން މަސައްކަތް ކުރަމުންދާކަމަށް މަޝްހޫރު އަދި ކުޅަދާނަ ފެޝަން ޑިޒައިނާ ރަޒީނާ ތައުފީގް (ރަޒީ) ބުނެފިއެވެ.
"ސަން"އަށް މައުލޫމާތު ދެމުން ރަޒީ ބުނީ އެ ސިލަބަސް ގެނެސްދިނުން އެއީ މީގެ އަހަރުތަކެއް ކުރިން އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އެ ފޮތް ނެރޭނީ އަންނަ އަހަރުގެ މެދުތެރޭގައެވެެ. ނަމަވެސް ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.
"ހަތް ވަރަކަށް އަހަރު ވެއްޖެ އެ ސިލަބަހުގެ މަސައްކަތް ކުރަމުން އަންނަތާ، ވަރަށް ގިނަ މައުލޫމާތު ހިމަނައިގެން އެ ފޮތް އާންމުންނާ ހަމަޔަށް ގެނެސްދޭނީ،" ރަޒީ ބުންޏެވެ.

ރަޒީގެ ހެދުމެއްގައި އަޒޫ....
ރާއްޖޭގެ މާކެޓަށް އެ ފޮތް އަންނަ އިރު އެ ފޮތުގައި ފެހުމުގައި ބޭނުންކުރާ ހުރިހާ އުކުޅެއް ހިމެނޭނެ ކަމަށް ވެސް ރަޒީ ފާހަގަކުރިއެވެ. އެ ފޮތުގައި ހިމެނޭ ހުރިހާ މައުލޫމާތެއް ލިޔުމުގައި އެހީތެރިވަނީ ރަޒީގެ ކޮއްކޮ ހުޒައިމަތު ތައުފީގެވެ.
އިތުރަށް ވާހަކަ ދައްކަމުން ރަޒީ ބުނީ، އައްޑޫ ސިޓީ މަރަދޫގައި އަންނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި އޭނާ ހިންގުމަށް ހަމަޖެހިފައިވާ ކޯހުގައި ވެސް އެ ސިލަބަހުގައި ހިމެނޭ ގިނަ އެއްޗެހި ދަސްކޮށްދޭނެ ކަމަށެވެ.
"އާދައިގެ ހެދުމަކުން ފެށިގެން ވެޑިންގ ޑްރެސް އަދި ކޯޓު ފަޓުލޫނާ ހަމަޔަށް ފަހަން ދަސްކުރާނެ ގޮތް އެ ފޮތުގައި ހިމެނޭނެ. ކޯހުގަ ބައިވެރިވާ ކުދިންނަށްވެސް ވަރަށް ފައިދާވާނެ މައުލޫމާތު ތަކެއް ހިމެނޭނެ އެ ފޮތުގަ،" ރަޒީ ބުންޏެވެ.

ރަޒީގެ ހެދުމެއްގައި މަލް...
ޖެނުއަރީގައި އޭނާ އެ ހިންގަނީ އަމިއްލައަށް އިސްނަގައިގެން ހިންގާނެ އެންމެ ފަހު ކޯހެވެ. މީގެ ކުރިން ރަޒީ ވަނީ މާލޭގެ އިތުރުން ހދ. ކުޅުދުއްފުށި، ހދ. ނެއްލައިދޫ، އދ. އޮމަދޫ އަދި ފުވައްމުލަކުގައިވެސް ކޯސް ހިންގާފައެވެ.
"އައްޑު އަތޮޅުގައި ކޯސް ހިންގުނީމަ އަހަރެން އެންމެ ކުރިން ވެސް އުންމީދުކުރި ގޮތަށް ރާއްޖޭގެ އެންމެ އާބާދީބޮޑު ފަސް އަތޮޅުގަ ކޯސް ހިންގުނީ،" ރަޒީ ބުންޏެވެ.
ރަޒީގެ އެ ފޮތް ނެރުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިޔަށެވެ. ފޮތުގެ ބަނޑަވެރިގަނޑު ޑިޒައިންކޮށް އެހެނިހެން މަސައްކަތްތައް ވެސް މިހާރު އެބަ ކުރިޔަށްދެއެވެ. އަންނަ އަހަރު އެ ފޮތް ނެރުމަށް ހަމަޖައްސަމުން އަންނަނީ ކުލަގަދަ ހަފްލާއަކާވެސް އެކުގައެވެ.

ރަޒީގެ ހެދުމެއްގައި އައްޒަ....
ރަޒީ އަކީ މީގެ15 ވަރަކަށް އަހަރު ކުރިން ފެހުމުގެ ދާއިރާއަށް ވަން ފެހުންތެރިޔެކެވެ. އަދި އަމިއްލަ ނަމުގައި ފަހާތަނެއް ހިންގާތާ ވެސް 12 އަހަރު ވެއްޖެއެވެ. މިހާތަނަށް އައިއިރު ގިނަ ފިލްމުތަކަށް ވެސް ރަޒީ ވަނީ ހެދުން ފަރުމާކޮށްދީފައެވެ.