ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން ވަކިކުރި އިރު އެމްޑީޕީ މެމްބަރުން މަޖިލީހުގައި ކަންކަން ކުރި ގޮތާ މެދު ޖަމީލު ފާޑު ވިދާޅުވެއްޖެއެވެ.

ޖަމީލު ނައިބު ރައީސް ކަމުގެ މަގާމުން ވަކިކޮށްފައިވަނީ އެމްޑީޕީ، ޖޭޕީ އަދި ޕީޕީއެމް މެމްބަރުންވެސް ވޯޓު ދީގެންނެވެ. ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޖަމީލު ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލާގައި ބަހުސް ކުރައްވަމުން އެމްޑީޕީގެ މަޖިލިސް މެމްބަރުން "ރައީސުލްޖުމްހޫރިއްޔާ ނަންފުޅެއް ފޮނުވީމަ ބުނާނީ އާއެކޭ" ކަމަށް ވިދާޅުވި ކަމަށެވެ.

"އީވާމެން ކަހަލަ ބޭބޭފުޅުން ތެދުވެފައި ވިދާޅުވެފައި އޮން ރެކޯޑުގައި އޮންނާނެ އިނގޭތޯ. ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނަންފުޅެއް ފޮނުވީމަ ދެން އެކަމާ އަޅުގަނޑުމެން ބުނާނީ އާއެކޭއޭ." ޖަމީލު ވިދާޅުވިއެވެ.

ރައީސް ނަޝީދާ ޖަމީލު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމެއްގެ ތެރެއިން

ޖަމީލު ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުވި އިރު އިދިކޮޅުގެ ލީޑަރުން ހައްޔަރު ކުރަންވެސް އެންގެވީ ރައީސުލްޖުމްހޫރިއްޔާ ކަަމަށެވެ.

"ވަކި މީހަކާ ޖެހުނީމަ ރައީސުލްޖުމްހޫރިއްޔާ ކަންތައްތައް ކުރީމަ އޯކޭ. ޖަމީލާ ޖެހުނީމަ އޯކޭ. ރައީސް ނަޝީދާ ޖެހުނީމަ ގޯސް. އެހެން ބޭބޭފުޅުންނާ ޖެހުނީމަ ގޯސް. މިއަކަށް ޑިމޮކްރެސީއެކޭ ނުކިޔާނެ." ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ އޭނާ ވަކިކުރުމަށް މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސް ކުރިއަށް ދިޔައީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭނާ ވަކިކުރަން މަޖިލީހުން ކުރިއަށް ދިޔަ މަރުހަލާގައިވެސް އެއްވެސް އިޖުރާއަތެއް ނެތްކަމަށް ޖަމީލު ވިދާޅުވިއެވެ.

އަދި މައްސަލަ ތަހުގީގުކުރަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވީ ނަމަވެސް މައްސަލަ ތަހުގީގުވެސް ނުކުރާ ކަމަށް ޖަމީލު ވިދާޅުވި އެވެ. އިޖުރާއަތްތައް އޮންނަން ޖެހޭނެކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު އެއީ އިޚުތިޔާރެއް ނޫން ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ޑިމޮކްރަސީއަކީ ކޮންމެ މީހަކާ ކަމެއް ދިމާވިޔަސް "ހަމަ އެއީ ހަމަ ކަމަށް ގަބޫލު ކުރުން" ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ފަރާތްތަކުން ޑިމޮކްރެސީއާއި މި ހުރިހާ ކަމެއްގެ ވާހަކަ ވަރަށް ބާރަށް ދައްކާ ދެއްތޯ. ތިމަންނަމެންނޭ ޑިމޮކްރެސީއަކީ. އެހެން ބަޔަކުގެ ވާހަކައެއް ނެތް މީގެ ތެރޭގައި." ޑރ. ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ރައީސް ޔާމީނާ އެކު ---

ޖަމީލު ވިދާޅުވީ އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ނުދިޔަ ނަމަ ހައްޔަރުކުރަން އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުރިހާ ކަމެއް ނިންމާފައި އޮތްކަން އެނގިފައިވާ ކަމަށެވެ. އަދި ފުރިޔަ ނުދޭންވެސް ދަތިތައް ކުރިމަތިކުރުވި ކަމަށް ޖަމީލު ވިދާޅުވިއެވެ.

"އަޅުގަނޑު ކޮލަމްބޯގައި ހުއްޓައި އަޅުގަނޑަށް އަދީބު މެސެޖް ކުރަނީ. ވިސްނާ މިކަންތައް ރޭވިފައި އޮތްވަރު. ވަޒީރަކު ނައިބު ރައީސަށް މެސެޖް ފޮނުވަނީ ވީޕީ ލެޓްސް ޓޯކްއޭ ކިޔާފައި." ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ޖަލަށް ނުގޮސް އޭނާ ސަލާމަތްވީ ކިރިޔާ ކަމަށެވެ. އޭނާ ހައްޔަރު ވާން މަޑުނުކުރީ ކީއްވެތޯ ބައެއް މީހުން ސުވާލު ކުރި ކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި "ހައްޔަރުވަނީ ކީއްކުރަންތޯ؟"އޭ ޖަމީލު އެއްސެވިއެވެ.