އިންޓަނެޓް އޮފް ތިންގްސް ނުވަތަ އައިއޯޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުރީދޫ 5ޖީގެ ކުޅަދާނެކަން، އެކުންފުނިން ދައްކާލައިފި އެވެ.

އުރީދޫ 5 ޖީ ދައްކާލާފައި ވަނީ 1.8 ޖީބީޕީއެސްގެ ހަލުވި ސްޕީޑުގަ އެވެ. އިއްޔެ ބޭއްވި އުރީދޫ ކަލާ ރަންގައި އުރީދޫގެ 5ޖީ ހިދުމަތް އިފްތިތާހުކޮށް ދެއްވީ ރަޢީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް އާއި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނެވެ.

އުތުރު އެފްރިކާއިން ފެށިގެން އަރަބިކަރަޔާއި ދެކުނު އޭޝިއާގައި ވެސް، އުރީދޫ އިން ބޮޑެތި ނެޓްވޯކް މޮޑަނައިޒޭޝަން ޕްރޮގްރާމުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. މިއީ އުރީދޫގެ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާތަށް އިތުރަށް ފުރިހަމަކޮށް، 5ޖީ ފޯރުކޮށްދިނުމަށް ދުނިޔޭގެ އެކިހިސާބުތަކުގައި ކުރެވެމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށް އެކުންފުނިން ބުނެ އެވެ.

"އަދުގެ ދުނިޔޭގައި، ފަސޭހަކަމާ އެކު ފޯންކޯލެއް ކޮށްލައިގެން ނުވަތަ އިންޓަނެޓް މެދުވެރިކޮށް އެކަކު އަނެކަކާއި ގުޅުން ބޭއްވުމަށް ވެސް، ބަރޯސާވާން ޖެހެނީ ވަޔަލެސް ޑިވައިސް އަކަށް،" އުރީދޫ ގްރޫޕްގެ ސީއީއޯ ޝައިހް ސައުދު ބިން ނާސިރް އަލް ޘާނީ އާ ވިދާޅުވި އެވެ.

"އުރީދޫ ނެޓްވޯކުގެ އެހީގައި ކަސްޓަމަރުން ކުރަމުންދާ ތަޖުރިބާތަކުގެ ފެންވަރު އަޅުގަނޑުމެން ދަނީ ގާތުން ބަލަމުން. އަދި މި މައުލޫމާތުގެ އަލީގައި ނެޓްވާކް އަށް ގެންނަން ޖެހޭ ތަފާތު ކުރިއެރުންތަށް ގެނެސް، އެންމެ ފުރިހަމަ އަދި ހަލުވި ސްޕީޑުގެ ކަނެކްޝަން އެއް ފޯރުކޮށްދީ، ކަސްޓަމަރުން ކުރަމުންދާ ތަޖުރިބާތަށް އިތުރަށް ރަގަޅު ކުރުމަށް ޓަކައި އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަން."

ފައިވް ޖީގެ އީކޯ ސިސްޓަމް ބިނާ ކުރުމުގައި އުރީދޫ ގްރޫޕްގެ ކުންފުނިތަކުން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.

އުރީދޫ އިން އަންނަނީ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް އަދި އިންޓަނެޓް ކަނެކްޓިވިޓީ އާއި އައިއޯޓީ ތަޖުރިބާ ކުރާ ގޮތް މުޅިން ބަދަލުކޮށްލާނެ މުހިންމު ނެޓްވޯކް އަޕްގްރޭޑްތަކެއް ގެނައުމު މަސައްކަތް ކުރަމުންނެވެ.

އެ ކުރިއެރުމާ އެކު، 5ޖީ މެދުވެރިކޮށް ޑްރައިވަރުންނާއި ނުލާ ދުއްވާ ކާރު، އުދުހޭ ޓެކްސީ، އަދި ޑްރޯން މެދުވެރިކޮށް ތަކެތި ޑެލިވާ ކުރުން ފަދަ އީޖާދީ ޚިދުމަތްތައް ކައިރި މުސްތަޤްބަލެއްގައި ފެނިގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

"މުޅި ދުނިޔޭގައި ވެސް ފުރަތަމަ 5ޖީ ނެޓްވޯކެއް ލައިވް ކޮށްފައި ވަނީ، ގަތަރުގައި، އުރީދޫ އިން. މިކަން ވެގެންދިޔައީ އުރީދޫ އަށް އަދި ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން ދާއިރާ އަށް ވެސް ވަރަށް ފާހަގަކުރެވޭ ޓެކްނޮލޮޖިކަލް ލަނޑުދަނޑިއަކަށް." އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.

އުރީދޫ އަކީ ރާއްޖޭގެ ހުރިހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ ކުންފުންޏެވެ. އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވޯކު ފުލް އައިޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފަ އެވެ. 5ޖީ ނެޓްވޯކަށް ދުނިޔެ ތައްޔާރުވަމުން ދާއިރު، އުރީދޫ މޯލްޑިވްސް އިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމްގެ ލައިސަންސް ހޯދައި، މުޅި އުރީދޫ ގްރޫޕުން ވެސް ފުރަތަމަ މި ލައިސަންސް ލިބުނު ކުންފުންޏަށް ވެފަ އެވެ.