24 Nov 2018, 12:39
މާލޭގެ މަގުމަތީގެ ހާލަތާއި ޕާކު ކުރުމުގައި ހުރި ދަތިތަކާއި ޕާކު ކުރުމުގައި ހުރި ދަތިތައް އަދި ބަނދަރު ތަކުގެ ހާލަތު ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ބައްލަވާލައްވައިފި އެވެ.
މަގުތަކާއި ބަނދަރުތަކުގެ ހާލަތު ބައްލަވާލެއްވުމަށް ނިންމެވީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެންމެ ފަަސޭހަވާނީ އެ ދަތިތައް ބައްލަވާލައްވައިގެން ކަމަށްވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ ބަނދަރުތަކުގެ ހާލަތު ބައްލަވާ ލައްވަނީ -- ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓްރީ
މިނިސްޓަރު ނަހުލާ ވަނީ އާންމުންނާ ބައްދަލުކުރައްވައި އެކަންކަމުގައި އާންމުންގެ ހިޔާލު ވެސް ހޯއްދަވައިފަ އެވެ.
މިނިސްޓަރުގެ އަރިހުގައި ޓްރާންސްޕޯޓު އޮތޯރިޓީގެ ޑެޕިުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު އާއި ޓްރެފިކް ޑިޕާޓްމެންޓުގެ ހެޑް ހުސައިން ސަމީރު އަދި ޓްރެފިކް އޮޕަރޭޝަން ޔުނިޓުގެ ހެޑް މުހައްމަދު ލުތުފީ ވަނީ މިތަންތަން ބައްލަވާލައްވައިފަ އެވެ.

މިނިސްޓަރު ނަހުލާ މަގުތަކުގެ ހާލަތު ބައްލަވާ ލައްވަނީ -- ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓްރީ
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ މާލޭ މަގުމަތީގައި ޕާކުކޮށް ގިނަދުވަސް ވެފައިހުރި އުޅަނދުތައް ނަގަން ޓްރެފިކް ޕޮލިހުން ވަނީ މިހާރު ފަށައިފަ އެވެ. އަދި މާލޭ ފަޅުތެރޭގައި ސަރުކާރުގެ ބޭނުމަށް ނަގާފައި ހުރި ސަރަހައްދުތައް ވެސް ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.