28 Sep 2011, 13:42
ދެހާސް އަށް ވަނަ އަހަރު ލަންކާ އާއި ރާއްޖޭގައި ބޭއްވި ސާފު ޗެމްޕިއަންޝިޕްގައި އިންޑިއާ ކޮޅަށް ލަނޑުޖައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ފުޓްބޯޅަތަރި، ހުނަރުވެރި މިޑްފީލްޑަރު މުހުތާރު ނަސީރު (ޓޫކިލޯ) އަށް ލިބުނު އަނިޔާއާ ގުޅިގެން ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ކުޅުމުގެ ފުރުސަތު އޭނާއަށް ގެއްލިއްޖެއެވެ.
ޓޫކިލޯގެ ކަނާތު ފައިގެ ކަށިގަނޑަށް އަނިޔާވެ ކުރިޔަށް އޮތް ހަމަސް ދުވަހު ކުޅިބަލަން އިންނަން ޖެހުނީ ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުގައި މި މަހުގެ 20 ވަނަ ދުވަހު ނިއު ރޭޑިއަންޓާއި ވިކްޓަރީ ބައްދަލުކުރި މެޗުގައި ލިބުނު އަނިޔާގެ ސަބަބުންނެވެ.
ޓޫކިލޯ މިއަދު ބުނީ، ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް އޮތް އެއްވެސް މުބާރާތެއް ނުކުޅެވޭނެ ކަމަށެވެ. އަދި ކަނާތު ފައިގެ ދެ ތަނަކަށް އަނިޔާވެފައިވާ ކަމަށް ވެސް ޓޫކިލޯ ބުންޏެވެ.
"ކުޅުމާ ދުރުގަ ހުންނަން ޖެހުމުން ދެރަވޭ. ފައިގައި މިހާރު ވަނީ ޕްލާސްޓިކް އަޅާފަ. ޑޮކްޓަރު ބުނަނީ ދެ މަސް ނުވަތަ ތިން މަސް ވަންދެން ޕްލާސްޓިކް އަޅަން ޖެހޭނެ ކަމަށް. އަނިޔާއިން މުޅިން ސަލާމަތް ވެވޭނީ ހަ މަސް ފަހުން." ފުޓްބޯޅައިން މިހާތަނަށް ދިވެހިންނަށް ލިބުނު އެންމެ ރީތި ނަން ހޯދައިދިން ޓޫކިލޯ ބުންޏެވެ.
ޓޫކިލޯއަށް ލިބުނު އަނިޔާއާ ގުޅިގެން ޤައުމީ ޓީމްގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) މިއަދު ވިދާޅުވީ، ޓޫކިލޯއަށް އަނިޔާވި ހަބަރު ލިބުމުން ވަރަށް ދެރަވި ކަމަށާއި އަދި އެއީ މުޅި ޤައުމީ ޓީމަށާއި ދިވެހި ފުޓްބޯޅައަށް ސަޕޯޓްކުރާ އެންމެހާ ދިވެހިން ނަށް ލިބުނު ބޮޑު ދެރައެއް ކަމަށެވެ. ޓޫކިލޯއަށް ލިބުނު އަނިޔާ އިން ސަލާމަތް ކުރުމަށް ޤައުމީ ޓީމްގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމަށް ވެސް ބަލަކް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު ޓޫކިލޯއާ ބައްދަލު ކުރާނަން. އަޅުގަނޑާއެކު ޓީމްގެ ޑޮކްޓަރު ޝަކީބު ވެސް އޭނާއާ މިއަދު ބައްދަލު ކުރާނެ. އޭނާއަށް ލިބުނު އަނިޔާއިން ސަލާމަތް ކުރުމަށް އަޅުގަނޑުމެން ފުރިހަމައަށް އެއްބާރު ލުން ދޭނަން" ބަލަކް ވިދާޅުވިއެވެ.
ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނީ، ސާފް ޗެމްޕިއަންޝިޕްގައި ޓޫކިލޯއަށް ނުކުޅެވުމަކީ ދިވެހި ޓީމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި އަދި އެވަރު ކުޅުންތެރިއަކު ޓީމުގައި ނެތުމުން ޓީމަށް ބޮޑެތި ދަތިތަކާ ކުރިމާތި ލާންޖޭނެ ކަމަށެވެ.
މިއަހަރުގެ ސާފްޗެމްޕިއަންޝިޕް އިންޑީއާގެ ނިއު ދިއްލީގައި ބާއްވަން ނިންމާފައިވާއިރު، މުބާރާތް ފެށުމަށްހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އެވެ.