24 Nov 2018, 10:06
ކަރާޗީ (ނޮވެމްބަރު 24) : ޕާކިސްތާނުގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓަށް ހަމަލާދިނީ "ބަލޫޗިސްތާން ލިބަރޭޝަން އާމީ" ނަމަކަށްކިޔާ ހައްދު ފަހަނަޅާފައިވާ ޖަމާއަތަކުން ކަމަށް ޕާކިސްތާނުން ބުނެފި އެވެ.
ޕާކިސްތާނުގެ އަމަނާބެހޭ މަސްއޫލުވެރިން ވިދާޅުވީ ކަރާޗީގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓް ގެ ހިމާޔަތުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އެތަނަށް ވަދެގަތުމަށް މަސައްކަތްކުރި "ބަލޫޗިސްތާން ލިބަރޭޝަން އާމީ" ޖަމާއަތުގެ ތިން މީހުން މަރާލާފައިވާ ކަމުގަ އެވެ.
"ބަލޫޗިސްތާން ލިބަރޭޝަން އާމީ" ޖަމާއަތަކީ ބަލޫޗިސްތާންގައި ވަކި ދައުލަތެއް ގާއިމް ކުރަން މަސައްކަތްކުރާ ބާޣީ ޖަމާއަތެކެވެ. އެއީ އެސަރަހައްދުގައި ޗައިނާ ހިންގާ ތަރައްގީގެ މަޝްރޫއުތަކާ ދެކޮޅުހަދާ އަދި އެމަޝްރޫޢުތައް ހުއްޓުވުމަށް ބާރުގެ ބޭނުންކޮށްގެން މަސައްކަތްކުރާ ޖަމާއަތެކެވެ.
އެޖަމާއަތުން މަސައްކަތްކުރީ ކަރާޗީގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓްގެ ގޯތި ތެރެއަށް ގޮވާތަކެތި އަޅާފައިވާ ކާރެއްގައި ވަދެގަނެ އަމިއްލައަށް މަރުވެގެން އެ ކާރު ގޮއްވާލައިގެން އެތަނަށް ހަމަލާ ދިނުމަށެވެ. ނަމަވެސް ގޮވާތަކެތި އަޅާފައިވާ ކާރާއެކު އެމީހުން ކޮންސިއުލޭޓަށް ވަނުމުގެ ކުރިން ކޮންސޮއުލޭޓްގެ ޗެކްޕޮއިންޓުގައި ތިބި ހަތިޔާރުއެޅި ގާޑުން ވަނީ ބަޑިން ހަމަލާދީ އެ ތިންމީހުން ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފަ އެވެ. އެހެންކަމުން ގޮވާތަކެތި އަޅާފައިވާ ކާރަށް ކޮންސިއުލޭޓްގެ ގޯތިތެރެއަށް ވަދެވޭގޮތެއް ނުވެ އެވެ.
އެވަގުތު ޕާކިސްތާނުގެ ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ކޮންސިއުލޭޓަށް ޖަމާވެ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ޕާކިސްތާން ފުލުހުންގެ ދެމީހުން ވެސް މަރުވި އެވެ. ނަމަވެސް ކޮންސިއުލޭޓްގެ އެތެރޭގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މިޙާދިސާއަށް ފަހު ޗައިނާއިން ބުނެފައި ވަނީ ޕާކިސްތާނުގައި އުޅޭ އެގައުމުގެ ރައްޔިތުންގެ ރައްކާތެރި ކަމަށް އިތުރު ފިޔަވަޅުތައް އަޅާނެކަން ހާމަކޮށްފަ އެވެ. ޕާކިސްތާނުގައި ޗައިނާ އިންވެސްޓްކޮށްގެން 22 ބިލިޔަން ޑޮލަރުގެ އަގުހުރި އިގްތިސާދީ އަދި އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް ހިންގަމުން އެބަގެންދެ އެވެ. މި މަޝްރޫއުތައް ނިމުމުން ޕާކިސްތާނަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެ ގައުމަށް އިގްތިސާދީ ދުޅަހެޔޮކަން އަންނާނެ ކަމަށް ޕާކިސްތާނުން އުންމީދު ކުރެ އެވެ.
ބަލޫޗިސްތާން ސަރަހައްދަކީ ޕާކިސްތާނުގެ ސަރަހައްދުތަކުގެ ތެރެއިން ގުދްރަތީ ގޮތުން އެންމެ މުއްސަނދި ސަރަހައްދެވެ. (ރޮއިޓާސް)