ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެންމެ ތިން ގަޑިއިރަށް ރާއްޖެ ވަޑައިގަތީ ޑީލެއްގެ ދަށުން ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ތުހުމަތުކުރައްވައިފި އެވެ.

ޑރ. ޚަލީލް ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް ބޭއްވުމާއި ސިފައިން އިތުރުކުރުން، އައި ހެވަން ދިނުމާއި، އައްޑޫ ސިޓީ ހިތަދޫ އާއި ޅ. މާފިލާފުށީގައި ހަދާ ޓްރެއިނިން ސްކޫލު އޮޕަރޭޝަނަށް ގެނައުން މި ޑީލުގައި ހިމެނޭ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވައިފަ އެވެ.

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކަންވެސް ކުރައްވާފައިވާ ޑރ. ޚަލީލް ވިދާޅުވީ މިސަރުކާރުގެ އެންމެ ހަފްތާއަކުން ނުރައްކާތެރިކަމުގެ ރަނގަބީލު ޖަހަން ފަށާފައިވާ ކަމަށެވެ.

"ވެރިކަމުގެ އިއްޒަތުގައި ޖެހި ބަޔަކު ރާއްޖެ މިގެންދަނީ އަޅުވެތިކަމާ ދިމާއަށެވެ،" ޑރ. ޚަލީލް ވިދާޅުވެފައިވެ އެވެ. ވަގުތު ފާއިތުވުމުގެ ކުރިން ވިސްނައި ހޭލުމަށް ޑރ. ހަލީލް ވަނީ ގޮވާލައްވައިފަ އެވެ.

އެކަމާ ގުޅޭ ތަފްސީލު ހާމަކުރައްވައި ޑރ. ޚަލީލް ސަން އަށް ވިދާޅުވީ މަދު ވަގުތުކޮޅަކަށް ގައުމެއްގެ އިސްވެރިޔަކު ވަޑައިގަންނަވާނީ އޭގައި ކަންތައްތަކެއް ހިމެނޭތީ ކަމަށެވެ.

"އެއްވެސް ގައުމަކުން މިލިޓަރީ ބޭސް އެއް ހަދަން ގަބޫލެއް ނުކުރެވޭ. މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ވެސް ދިވެހި ރައްޔިޔެއްގެ ހައިސިއްޔަތުން ވެސް އެކަންތައް ބަލައެއް ނުގަނެވޭ،"

ޑރ. ހަލީލް ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރު ކުރީގެ ސަރުކާރުން ގްރައުންޑު ކުރީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޑރ. ހަލީލް ވަނީ ހެލިކޮޕްޓަރުތައް ބަލަހައްޓަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ސީދާ އިންޑިއާ ސަފީރަށް ރިޕޯޓު ކުރަންޖެހޭ ކަމަށް އޮތުމުން އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ރާއްޖޭގެ ސަރުކާރުން ބޭނުންވުމުން ފޮނުވާލެވޭ ގޮތަކަށް ނޫން މި އޮންނަނީ. މިއީ ރާއްޖޭގެ މިނިވަންކަމާ ގުޅުން ހުރި ކަންތައްތަކެއް. އެކަންކަމާ މެދު ކަންބޮޑުވޭ."