ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"އުރީދޫ ކަލަ ރަން" އިވެންޓު ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އަބަދުވެސް ދިވެހި ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ކުރިއަށް ގެންދިއުން ކަމަށެވެ.

އެކި އުމުރުފުރާގެ ބޭފުޅުންނަށްޓަކައި، އަމިއްލަ ކުންފުނިތަކުން ކުރާ މަސައްކަތްތަކާއި، އިޖްތިމާއީ ކަންތައްތައް ޙައްލުކޮށް އިގްތިސާދީ ގޮތުން ކުރިއެރުން ހޯދުމަށްޓަކައި ކުންފުނިތަކުން ކުރާ މަސައްކަތްތައް ފާހަގަކުރައްވާ ނައިބު ރައީސް ވަނީ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

ނައިބު ރައީސް ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންގެ ފޮނި އުންމީދުތަކާއި ބޭނުންވާގޮތް ފުރިހަމަކުރުމުގައި ދެމިއޮންނާނެ ސަރުކާރެއް ކަމަށެވެ.

މިއަދުގެ އިވެންޓުގެ ތެރެއިން ނައިބު ރައީސް ވަނީ އުރީދޫ 5ޖީ ނެޓްވޯކުވެސް ތައާރަފުކޮށްދެއްވައި ފަސް ކިލޯމީޓަރުގެ ދުވުންވެސް ފުރިހަމަ ކުރައްވައިފައެވެ. ނައިބު ރައީސްގެ އަރިހުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ސައިންސް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އުރީދޫ ކަލާ ރަންގައި 5،000 އެއްހައި މީހުން ބައިވެރިވިކަމަށް އުރީދޫއިން ބުންޏެވެ.