23 Nov 2018, 22:30
ޓޫރިޒަމް މިނިސްޓްރީއަށް ސިޔާސީ ނުފޫޒު ނުވަންނާނެކަމުގެ ޔަގީންކަން މިނިސްޓަރު އަލީ ވަހީދު ދެއްވައިފިއެވެ.
ޓޫރިޒަމް މިނިސްޓަރު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ދާއިރާއަށް ލިބޭ ކާމިޔާބަކީ ދާއިރާގެ މަސައްކަތް ކުރާ މީހުންނާއި މިނިސްޓްރީގެ މުވައްޒަފުން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"އެއްވެސް ގޮންޖެހުމެއް ނުވަތަ ފެއިލިޔާއެއް ހުރިއްޔާ އެކަމުގެ ޒިންމާ އަޅުގަނޑު ނަގާނަން،" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، މަސަައްކަތް ކުރިއަށް ގެންދާނީ ކަންކަން ޕްލޭންކޮށް ރިވިއުކޮށްގެން ކަމަށެވެ.
"ކޮންމެ ބައެއްގެ ހިޔާލު ވެސް އަޅުގަނޑުމެން ބަލައިގަންނާނަން، މިނިސްޓްރީއަކަށް އިރާދަކުރެއްވީއާ ސިޔާސީ ނުފޫޒެއް ނުވަންނާނެ މި މިނިސްޓްރީގެ ހިދުމަތް އެންމެނަށް ހަމަހަމަކޮށް ލިބިގެންދާނެ،" އަލީ ވަހީދު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތް މި ސަރުކާރުގައި ސިއްރު ނުވާނެ ކަމަށާއި ނޫސްވެރިންނާއި ރައްޔިތުންވެސް މިނިސްޓްރީ އަދި މިނިސްޓަރު ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރުމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އަލީވަހީދު ކެބިނެޓަށް އައްޔަނު ކުރުމުން މަސްލަހަތު ފުށޫއަރާ ކަމަށްބުނެ ވަނީ ފާޑުކިޔައިފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ޓޫރިޒަމް ދާއިރާގެ ސްޓޭކް ހޯލްޑަރަކަށް ވާއިރު ގާސިމްގެ ޕާޓީއަށް ނިސްބަތްވާ ބޭފުޅަކަށް ޓޫރިޒަމް މިނިސްޓަރުކަން ދިނުމުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އެކަމާ ގުޅޭގޮތުން އަލީވަހީދު ވިދާޅުވީ، މަގާމާއި މަސްއޫލިއްޔަތު ހަވާލުކުރެއްވީ ރައީސް ކަމަށެވެ. މަސައްކަތް ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޕޯޓްފޯލިއޯއަކަށް ކަމަށާއި ޖުމްހޫރީ ޕާޓީއާ ގުޅުމަށްފަހުވެސް އަދި އޭގެ ކުރިންވެސް ގާސިމް އިބްރާހިމްގެ ނުފޫޒު ނާންނަ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ ގާސިމް އާއެކު އޮންނަނީ ޕްރޮފެޝަނަލް ގުޅުމެއް ކަމަށެވެ.