ގދ. ފިޔޯރީގައި އޮތް ހާލު ދެރަ، މާބަނޑު އަންހެނަކު އެ އަތޮޅު ތިނަދޫއަށް ފުރުވައިލަން ގެންދިއުމުން އޭނާ ނާރުވައި އަތޮޅު ފެރީ ފުރައިގެން ދިޔަ މައްސަލަ ކުށްވެރިކޮށް ފިޔޯރީ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

ފިޔޯރީ ކައުންސިލް އިދާއރާގެ ނޫސްބަޔާނުގައި ބުނެފައިވަނީ މާބަނޑު އަންހެނެއް ކަމަށްވާ އެރަށު އެދުރުގޭ، ޒީނަތު ހުސައިންގެ ހާލު ދެރަވެގެން ރަށުގެ ސިއްހީ މަރުކަޒްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދޭން ޖެހޭތީ ގދ. ތިނަދޫ ހޮސްޕިޓަލަށް ފޮނުވަން ރަށުގެ ބަނދަރަށް އިއްޔެ ގެންދިޔައިރު އެ އަތޮޅު ފެރީ ފުރަން ތައްޔާރުވެފައި އޮތް ކަމަށެވެ. ނަމަވެސް މާބަނޑު، އެ މީހާއި އޭނާގެ ފިރމީހާ އާއި ދެކުދިން އަތޮޅު ފެރީއަށް ނާރުވާ ފެރީ ފުރައިގެން ދިޔަ ދިޔުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ.

އަދި ބުނެފައި ވަނީ އެ އަމަލަކީ އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކާއި ކުޑަކުދިންގެ ހައްގުތަކާއި ވެސް ހިލާފަށް ހިންގާ ފައިވާ ޖަރީމާއެއް ކަމަށާއި އިންސާނީ ކަރާމަތް ނަގައިލި އެ އަމަލު ހިންގި ފެރީގެ ކެޕްޓަނާއި މެދު ފިޔަވަޅުއަޅަން ޖެހޭނެ ކަމަށެވެ. އަދި ފިޔަވަޅު އެޅުމަށް ވެސް ގޮވައިލާ ކަމަށެވެ.

ހާލު ދެރަވި އަންހެންމީހާ ފަހުން ތިނަދޫއަށް ގެންގޮސްފައި ވަނީ އާއިލާއިން ލޯންޗެއް ކުއްޔަށް ހިފައިގެނެވެ.

ގދ. އަތޮޅުގެ ގައުމީ އިދާރާގެ ވެރިޔާ އަހުމަދު ޝަރީފް ވިދާޅުވީ އެ މައްސަލަ ހިނގާފައި އޮތްގޮތް ފެރީ އޮޕަރޭޓްކުރާ ފަރާތްތަކާއި ވާހަކަދައްކައިގެން ބައްލަވާނެ ކަމަށެވެ.
"އެގޮތަށް އެކަން ހިގާފައި އޮތް ކަމަށް ވަންޏާ އެއީ ވަރަށް ދެރަކަމެއް. އަޅުގަނޑުމެން މިހާރު އެކަން ބަލަމުން އެބަގެންދަން،" ޝަރީފް ވިދާޅުވި އެވެ.

ގދ. އަތޮޅުގައި ފެރީގެ ހިދުމަތްދޭ ޓްރައިނަސް ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަސީރު މިއަދު ވިދާޅުވީ މާބަނޑު އަންހެން މީހާ ނޭރުވި ކަމަށް އެއްބަސްވެވެން ނެތް ކަމަށާއި އެފަދަ ހާލަތެއްގައި ހުރި މީހަކު ފުރުވައިލަން ގެންދާ ކަމަށް އެއްވެސް ފަރާތަކުން އަންގާފައި ވެސް ނުވާ ކަމަށެވެ.
"ފެރީ ނައްޓައިލި ފަހުން އައި ބަޔަކު އައީވެސް. ފެރީގައި ޖާގަވެސް އޮތް ފިޔޯރީން ފުރީ އެރަށުން ހަތް މީހަކު ގޮވައިގެން އެހެންވީމާ ނޭރުވިއެކޭ ނުބުނެވޭނެ،" އޭނާ ވިދާޅުވި އެވެ.