23 Nov 2018, 21:45
މިދިޔަ މަހުގެ ނިޔަލަށް އެއްމިލިއަން ދެލައްކަ ހަތްހާސް އަށްސަތޭކަ ފަންސާސް ދެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިކަމަށް ޓޫރިޒަމް މިނިސްޓަރު އަލީވަހީދު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީއާ ގުޅޭ ތަފާސްހިސާބު ހާމަކުރައްވަމުން އަލީވަހީދު ވިދާޅުވީ ފަތުުރުވެރިކަމުގެ ދާއިރާ އާ ގުޅުންހުރި 132 ޕްރޮޖެކްޓު މިވަގުތު ހިނގަމުންދާކަމަށެވެ.
މަސައްކަތް ހުއްޓިފައިވާ 54 ރަށް އެބައޮތް ކަމަށާއި 92 ރަށުގައި މިވަގުތު މަސައްކަތް ކުރިއަށްދާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
"ރާއްޖޭގައި މިވަގުތު 144 ރިސޯޓު ހިންގަމުން އެބަދޭ. ހޮޓަލުގެ ގޮތުގައި 12 ތަނެއް، ރަޖިސްޓާޑް ގެސްޓުހައުސްގެ ގޮތުގައި 508 ގެސްޓު ހައުސް އަދި ލިވަބޯޑް ވެސަލްސްގެ ގޮތުގައި 148 ވެސަލް ރަޖިސްޓްރީ ކޮށްފައިވޭ،"
ރައީސް އޮފީހުން ހުއްދަ ދީ ގެޒެޓުކޮށް ކުއްޔަށް ނުދީ 13 ރަށާއި ދެ ފަޅު އަދި ދެ ޕްލޮޓު ލޭންޑު އެބައޮތް ކަމަށާއި ރައީސް އޮފީހުން ހުއްދަދީ، އެކަމަކު ގެޒެޓުނުކޮށް ތިން ރަށެއް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 2016 ވަނަ އަހަރުން ފެށިގެން މި ސަރުކާރު އައުމާ ހަމައަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން 13 ރަށެއް ދޫކޮށްފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ޓޫރިޒަމް މިނިސްޓަރު ވަނީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޓޫރިޒަމް ދާއިރާގެ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކުރައްވައިފައެވެ.
މިނިސްޓަރު މިއަދު ވިދާޅުވީ، މިނިސްޓްރީ އިން ކުރާ މަސައްކަތުގެ މައުލޫމާތު ހާމަކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ އެމަނިކުފާނު ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އޮތް ހާލަތަށްވުރެ މައްޗަށް ދާއިރާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.