ސަރުކާރު ހިންގާ ކޯލިޝަނުގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަ ކުރުމާ މެދު އެ ޕާޓީގެ ނުރަސްމީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި މަޝްވަރާ ކޮށްފިއެވެ.

އެމްޑީޕީ ޖޭޕީ އަދި އެމްއާރުއެމް އަދާލަތު ހިމެނޭ ގޮތަށް ހަދާފައިވާ ކޯލިޝަނުގެ އެއްބަސްވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ޖެހިގެން އަންނަ ކައުސިލް އިންތިހާބުގައިވެސް ކޯލިޝަނުން ވާދަ ކުރާށެވެ.

ކޯލިޝަން އެގްރިމެންޓްގައި އެހެން ލިޔެފައިވަނިކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވައި އެކަމާ މެދު މަޝްވަރާ ކޮށްފައެވެ. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެން އެ ބައްދަލުވުމުގައި 87 ދާއިރާއަށް މެމްބަރުން ވާދަ ކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްޔެ ބޭއްވި ނުރަސްމީ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ

" ގައުމީ މަޖިލީހުގެ އެ ބައްދަލުވުމުގައި ބައިވެރިވި އެންމެންގެ ވިސްނުންވެސް ހުރީ އެމްޑީޕީން 87 ދާއިރާއަށް ވާދަ ކުރަން،" އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވިއެވެ.

ނަމަވެސް މުޅިން އަދި އެގޮތަށް ފައިނަލްކޮށް ނުނިންމާ ކަމަށް އެ މެމްބަރު ވިދާޅުވިއެވެ. ފައިނަލް ނިންމުން ނިންމާނީ ގައުމީ މަޖިލީހުގެ ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ފަހު ކަމަށްވެސް އެ މެމްބަރު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރައީސް ކަމުގެ ހުވާ ކުރުމުގެ ކުރިން 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ކައުންސިލު އިންތިހާބުގައިވެސް ވާދަ ކުރާނީ ކޯލިޝަނުގެ ޕާޓީތައް އެއްކޮށް ކަމަށެވެ. އެއީ އެގޮތަށް ކޯލިޝަން އެގްރިމެންޓްގައި ލިޔެފައިވާތީ ކަމަށް ރައީސް ޞާލިހު އޭރު ވިދާޅުވިއެވެ.

މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރުމާ މެދު މަޝްވަރާ ކުރި ނަމަވެސް އަދި ކޯލިޝަނުގެ އެހެން ޕާޓީތަކުގެ މެދުގައި އެ މަޝްވަރާ ކުރިއަށް ދިޔަ ކަމެއް ސާފެއް ނުވެ އެވެ.