ސަރުކާރުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އެކުލަވައިލެއްވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އިން، ގާނޫނީ ވަކީލު ހަނާ ވަހީދު އިސްތިއުފާ ދެއްވައިފިއެވެ.

ހަނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މަސްލަހަތު ފުށުއަރާ ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ.

ކުރިން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓައެއްގެ މަގާމުގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރެއްވި ހަނާ މަގާމުން އިސްތިއުފާ ދީފައިވާއިރު އޭނާ އެ ކޮމިޝަނަށް ލުމުން އާންމުގެ ފާޑު ކިޔުންތައް އަމާޒުވިއެވެ.

އެއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ދައުވާ ނުކުރުމުން ކޮރަޕްޝަން ހިންގައިގެން މައްސަލަ އޮއްބާލީ ކަމަށް ބުނެއެވެ. ހަނާ ވަނީ އާންމުންގެ އެ ފާޑު ކިޔުމަށްވެސް ރައްދެއް ދެއްވައިފައެވެ. ވިދާޅުވީ އެމައްސަލައިގެ މަރުހަލާތައް ކުރިއަށް ގޮސްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެއްވެސް ކޮރަޕްޝަނެއް ނުހިމެނޭނެ ކަމަށެވެ.

ހަނާ އަދި އޭނާގެ ފިރިމީހާ ކުރީގެ އެސިސްޓެންޓް އޭޖީ 2015 ވަނަ އަހަރު ހައްޔަރުކޮށްފައިވަނީ އެ ދެމީހުން ދިރިއުޅޭ ގެއިން ބިޔަރު ދަޅުތަކަކާއެކުއެވެ. އެމައްސަލައިގައި ވިޝާމް ވަޒީފާއިން ވަކިކުރި އިރު، ވަޒީފާއިން ސަސްޕެންޑް ކުރުމުން ހަނާ ވަނީ އަމިއްލަޔަށް އެދިގެން ވަޒީފާއިން ވަކިވެފައެވެ.

ހަނާގެ އިތުރުން ކޮރަޕްޝަން ބަލާ ކޮމިޝަނުގައި ދެން ތިއްބެވީ އަހުމަދު އަސްއަދުއާއި އާސް ޢަބްދުﷲ އަދި ނަދީމް އިބްރާހީމްގެ އިތުރުން ފާތިމަތު ސަރީރާ އަލީއެވެ.

ސަރީރާ އަކީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ކުރީގެ މެމްބަރެކެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވުމުން އެމައްސަލަ ނުބެލި ކަމަށް ބުނެ އާންމުން ދަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.

ކޮރަޕްޝަން ބެލުމަށް އެކުލަވާލި ކޮމިޝަނަށް މެމްބަރުން އައްޔަން ކުރައްވާފައިވަނީ ކޮން ކަމަކަށް ބެލުމަށް ފަހު ކަމެއް ސާފެއް ނުވެއެވެ.