28 Sep 2011, 13:05
އިސްލާމިކް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ އިލްވެރިންގެ މަޖިލީހުގެ ރައީސް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ސަރުކާރުން ވަކިވެވަޑައިގަތުމަށް އަދާލަތު ޕާޓީން ގޮވާލާފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަރިހުގައި މަތިއުތުރު ޕްރޮވިންސަށް ކުރައްވާ ދަތުރުފުޅެއްގައި އިއްޔެ ފުރާވަޑައިގެންފި އެވެ.
އެކަން ވަނީ ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ސަން އަށް މިއަދު ކަށަވަރުކޮށްދެއްވައިފަ އެވެ.
ޒުހައިރު މިއަދު ވިދާޅުވީ ރައީސް މަތިއުތުރު ޕްރޮވިންސަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
ޕްރެސް ސެކްރެޓަރީ ވިދާޅުވީ ރައީސް މަތި އުތުރު ޕްރޮވިންސަށް ރައީސް ކުރައްވާ ދަތުރުފުޅަކީ އެ ޕްރޮވިންސްގައި ނިންމައި އިފްތިތާހު ކުރަން ހުރި ބައެއް މަޝްރޫއުތައް އިފުތިތާހު ކުރެއްވުމާއި ކައުންސިލްތަކާ ގުޅިގެން ކުރެއްވެން ހުރި ބައެއް ކަންކަމާ މެދު މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ވެރިކަން ކުރާ އެމްޑީޕީ އާ އެކު އަދާލަތުން ހަދާފައިވާ ކޯލިޝަން ރޫޅާލުމަށް ފަހު، އަދާލަތު ޕާޓީން ވަނީ ޑރ. މަޖީދާއި ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި، އެ ޕާޓީގެ ކުރީގެ ރައީސް ހުސައިން ރަޝީދު ހަސަން އެ ބޭފުޅުން ތިއްބެވި މަގާމުން އިސްތިފާ ދެއްވުމަށް އެދި ސީޓީއެއް ފޮނުވައިފަ އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަދާލަތުގެ ރައީސް ރޭ ޝައިހު އިމްރާން އަބްދުﷲ ރޭ ވިދާޅުވީ، އަދާލަތުން އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލާފައިވާތީ، ސަރުކާރުގެ މަގާމުތަކުން އިސްތިއުފާދެއްވުމަށް އެދިވަޑައިގެން ޝެއިހު ހުސެއިން ރަޝީދާއި ޑރ. މަޖީދަށް އިއްޔެ ސިޓީއެއް ފޮނުއްވި ކަމަށެވެ.
އިމްރާން ރޭ ވިދާޅުވީ، އަދާލަތުގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ނިންމުމަށް ދެ ބޭފުޅުން ވެސް އަމަލުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ޕާޓީގެ ދުތުސްތޫރުގައިވާ ގޮތުން އެގޮތަށް އަމަލުކުރުމަށް ލާޒިމްކުރާ ކަމަށެވެ.
ސަން އިން މިއަދު ޑރ. މަޖިދާ ފޯނުން ގުޅުމުން "މިވަގުތު ވާހަކަ ދެއްކެން ނެތް" ކަމަށް ވިދާޅުވެ ފޯން ވަނީ ކަނޑުއްވާލައްވައިފަ އެވެ. ހުސައިން ރަޝީދާ ގުޅޭ ގޮތެއް ނުވި އެވެ.