ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅާނެ ކަމަށް އެ މައްސަލަ ކުރިން ހުށަހަޅުއްވާ އަލުން ނެންގެވި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމައްސަލަ އަބުޅޯ ހުށަހެޅުއްވީ މިދިއަ ހަފްތާގައެވެ. އޭނާ އެމައްސަލަ އަނބުރާ ނެގިކަން މަޖިލީހުގެ އަމީން އާންމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އަބުޅޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިޝާމްގެ އިތުބާރު ނެތް ކަމަށް އޭނާ މަޖިލީހަށް ހުށަހެޅީ ފަސް ކަމެއް ހިމެނުމަށް ފަހު ކަމަށެވެ. ނަމަވެސް އިތުރަށް ފާހަގަ ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަން އިސްލާހުކޮށްފައި މަޖިލީހަށް އެކަން ވައްދާނެ ކަމަށް އަބުޅޯ ވިދާޅުވިއެވެ.

" އަދި ނުނިމޭ. ޕީޖީ ބިޝާމް ބޭރު ކުރެވޭނެ،" އަބުޅޯ ވިދާޅުވިއެވެ.

އަބުޅޯ ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނު އަސާސީއާއި ގާނޫނުން ޕްރޮސިކިއުޓަރ ޖެނެރަލަށް މަތިކޮށްފައިވާ ޒިންމާތަކާއި ހަވާލުކުރެވިފައުިވާ މަސްއޫލިއްޔަތު އެގޮތުގައި އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ބިޝާމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ފަސް ސަބަބެއް އެ މައްސަލާގައި ވަނީ ބަޔާންކޮށްފައެވެ.

މަޖިލިސް މެމްބަރުން މިދިޔަ ސަރުކާރުން ހައްޔަރުކުރިއިރު، ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވާ ކަމަށް އެ މައްސަލާގައިވެއެވެ. އަދި ބިޝާމް މަސައްކަތް ކުރައްވާފައި ވަނީ ފުލުހުންގެ އިދާރާއިން އެދޭ ކޮންމެ ކަމެއް ކޮށްދެއްވަމުން ގެންދަވާ އުސޫލުން ކަމަށް ވެސް އެ މައްސަލާގައިވެއެވެ.

އިޖުރާއަތާ ޚިލާފަށް މަޖިލީހުގެ މެމްބަރުން ހައްޔަރުކުރިއިރު، އެކަން ބަލައި އިޖުރާއަތާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުންނަށް ބިޝާމް އަންގަވާފައިނުވާ ކަމަށް ވެސް އެ މައްސަލާގައިވެއެވެ.

ޖިނާއީ ކުށްތަކުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމުގައި އަމަލުކުރުމަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް މަޖިލީހުގެ ބައެއް މެމްބަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެކަން ބިޝާމް ހުއްޓުވާފައިނުވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެއެވެ.