28 Sep 2011, 12:41
މިދިޔަ އަހަރު ޖޫން މަހު އުފެއްދި ކޫއްޑޫ ފިޝަރީޒް ލިމިޓެޑަށް 12 މަސް ދުވަހުގެ ތެރޭގައި 53.4 މިލިއަން ރުފިޔާގެ ފައިދާވެ، އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި 10 މިލިއަން ރުފިޔާ ސަރުކާރަށް ދައްކައިފި އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފެއްޓި މަސް ޕްރޮސެސް ކުރާ ކޫއްޑޫގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އާދަމް މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ސާފު ފައިދާގެ ގޮތުގައި ކޫއްޑޫ އަށް 11.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ބިނާ ކުރަނިވި އެ ފައިދާ އަށް ބަލައި އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި މިދިޔަ އަހަރު ދެ މިލިއަން ރުފިޔާ އެ ކުންފުނިން ވަނީ ސަރުކާރަށް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ހަ މަސް ދުވަހު ވެސް އެ ކުންފުންޏަށް 42.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އަދި ހަ މަސް ދުވަހުގެ އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި އެ ކުންފުނިން ސަރުކާރަށް އަށް މިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށް އާދަމް ވިދާޅުވި އެވެ.
"އެހެންވެ ޖުމްލަކޮށް އަޅުގަނޑުމެންނަށް 10 މިލިއަން ރުފިޔާ ސަރުކާރަށް އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ދެއްކިއްޖެ. ކުންފުނި އަޅުގަނޑުމެންނާ ހަވާލުވި އިރު އޮތީ ވަރަށް ދަށްކޮށް. އެކަމަކު އެއްވެސް މުވައްޒިފެއް ކަނޑައި ވެސް ނުލައި ވަޒީފާގެ ގެރެންޓީއާ އެކު ކުންފުނިން ރަނގަޅު އެއްޗެއް މިހޯދެނީ،" އާދަމް ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ ކޫއްޑޫގެ ޖުމްލަ އަގަގީ (އެސެޓް ވެލިއު) އަކީ 40 މިލިއަން ޑޮލަރު (200 މިލިއަން ރުފިޔާ) ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ