23 Nov 2018, 17:00
ސްރީލަންކާގެ އިގްތިސާދަށް ކުރިމަތިވަމުން އަންނަ މައްސަލަތަކާއި އެކު އެގައުމުގެ ފައިސާގެ އަގު ދަށްވަމުން ގޮސް، އެމެރިކާ ޑޮލަރުގެ އަގު އެންމެ ފަހުން 180 ރުޕީސްއަށް އަރައިފިއެވެ.
ސްރީލަންކާގެ ސެންޓްރަލް ބޭނުކުން ހާމަ ކޮށްފައިވާ ގޮތުގައި މިއަދު ޑޮލަރު ވިއްކަމުން ދަނީ 180.6606 ލަންކަން ރުޕީސް އަށެވެ. އަދި މާރުކުރަމުން ދަނީ 176.7204 ސްރީލަންކަން ރުޕީސް އަށެވެ.
ސްރީލަންކާގެ ސިޔާސީ މަސްރަހަށް އައި ހަލަބޮލިކަމާއި އެކު އިގްތިސާދަށް ކުރިމަތިވަމުން ދިޔަ މައްސަލަތަކަށް ހައްލެއް ނުލިބި އެ ގައުމުގެ ފައިސާގެ ރޭޓް ދިޔައީ ވަރަށް ބޮޑަށް ދަށަށް ވެޓެމުންނެވެ. މިމަސް ފެށުނު އިރު އެ ގައުމުގެ ޑޮލަރު ރޭޓްގެ އިންޑިކޭޓީވް ޕްރައިޒް ހުރީ 175 ރުޕީސް ގައެވެ.
ސްރީލަންކާގެ ސިޔާސީ މަސްރަހު ހޫނުވީ ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ދުރުކޮށް، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ، ރައީސް ސިރިސޭނާ އެ މަގާމަށް އައްޔަން ކުރެއްވި ހިސާބުންނެވެ.