23 Nov 2018, 13:56
ދާދި ފަހުން މަރާލި ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މަގާމުން ދުރުކުރަން އުޅޭ ކަމަށް ވާހަތައް ދައްކާތީ ސައުދީން ރުޅިގަދަވެއްޖެ އެވެ.
ޖަމާލްގެ މަރުގެ މައްސަލާގައި ވަލީ އަހުދުގެ މަގާމުން މުހައްމަދު ބިން ސަލްމާން ދުރުކޮށް ސައުދީގެ ރަސްގެފާނުގެ އެއްބަނޑު އެއްބަފާ ބޭބެ އަހުމަދު ބިން އަބްދުލް އަޒީޒް އެ މަގާމަށް އައްޔަނުކުރަން އުޅޭ ކަމަށް ވަރަށް ބޮޑަށް ވަނީ އަޑުގަދަވެފަ އެވެ.
ނޫސްވެރިޔާގެ މަރުގެ ތުހުމަތު ވަލީ އަހުދުގެ ބޮލުގައި އަޅުވައި އޭނާ މަގާމުން ދުރުކުރުމަށް މަސައްކަތް ކުރަމުންގެންދާ ވަހާކަތައް ސައުދީގެ ފޮރިން މިނިސްޓަރު އާދިލް ޖުބައިރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އެއީ ރަތް ރޮނގު ހުރަސްކުރުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެ ފައެވެ.
"ޝާހީ އާއިލާއަށާއި އަދި ވަލީއަހުދަށް ކުޑައިމީސްކޮށް ދައްކާ ވާހަކަތަކަށް މަޑަކުން ނޯވެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދާދި ފަހުން އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ވަނީ ނޫސްވެރިޔާ މަރާލީ ސީދާ ވަލީ އަހަދުގެ އޯޑަރަށް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ނަމަވެސް ސައުދީގެ ފޮރިން މިނިސްޓަރު ވަނީ އެކަން ވަރަށް ބޮޑަށް ދޮގުކުރައްވައިފަ އެެވެ.
"އަޅުގަނޑުމެން ކުރިވެސް އޮންނާނެ ބުނެފައި ޚާޝުގްޖީ މަރާލުމުގައި ސައުދީ ސަރުކާރުގެ ނުވަތަ ވަލީ އަހުދުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަަށް." ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު އިިތުރަށް ވިދާޅުވީ، ސައުދީގެ ރައްޔިތުންގެ ފުރިހަމަ އިތުބާރު ވެސް ވަލީއަހުދަށް އެބައޮތް ކަމަށެވެ.