23 Nov 2018, 18:44
"ސްލަމްޑޯގް މިލިއަނަރ" ފިލްމުން އޮސްކާ ހޯދި ބަތަލާ ފްރެއިޑާ ޕިންޓޯ އަންނަ އަހަރު ކައިވެނިކުރަން އުޅޭކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 34ގެ އިންޑިއާއަށް ނިސްބަތްވާ ހޮލީވުޑް ތަރި ފްރެއިޑާ މިހާރު ލޯބީގެ ގޮތުން އުޅެނީ މަޝްހޫރު ފޮޓޯގްރަފާ ކޯރީ ޓްރޭންއާ އެވެ.
ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި ދެމީހުންގެ ލޯބީގެ ގުޅުންވެސް ވަރަށް ސީރިއަސް ކަމަށާއި މާލަސްތަކެއް ނުވެ ކައިވެނިކުރާނެ ކަމަށެވެ. އަދި މިހާރު ކައިވެނީގެ ތައްޔާރީތައް ވެސް ވަމުން އަންނަކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ފްރެއިޑާ އާއި ކޯރީ ވަނީ މި އަހަރު ބޭއްވި 90 ވަނަ އޮސްކާ އެވޯޑްގެ ރެޑް ކާޕެޓްގައި ދެ މީހުންގެ ގުޅުމަށް އެއްބަސްވެސްވެފައެވެ.
ދެމީހުން ދިމާވީ ފްރެއިޑާއާ އެކު ހޫލޫގެ ސީރީޒް "ދަ ޕާތު" ގައި މަސައްކަތް ކުރި އެކްޓަރު އާރޮން ޕޯލްގެ ފަރާތުންނެވެ. އާރޮން އަކީ ކޯރީގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ.
މިއަހަރަކީ ބޮލީވުޑް އަދި ހޮލީވުޑްގެ ގިނަ ތަރިންތަކެއް ކައިވެނި ކުރި އަހަރެކެވެ.
ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް ދާދި ފަހުން ކައިވެނިކޮށްފައިވާއިރު ބަތަލާ އަނުޝްކާ އަދި ސޯނަމް ވެސް ވަނީ މިއަހަރު ތެރޭ ކައިވެނިކޮށްފައެވެ.
ބޮލީވުޑް އަދި ހޮލީވުޑް ބަތަލާ ޕްރިޔަންކާ އާއި ނިކް ޖޯނަސްގެ ކައިވެނި އަންނަ މަހު ދޭއްގައި ވަނީ ކުރުމަށް ނިންމާފައެވެ.