23 Nov 2018, 11:03
އަޔާން މުކަރްޖީގެ ކުރިއަށް އޮތް ފިލްމު 'ބްރަހްމާސްތުރަ'ގެ މަންޒަރެއް ޝޫޓު ކުރުމުގެ ތެރޭގައި ބަތަލާ އާލިއާ ބަޓަށް އަނިޔާވެއްޖެ އެވެ.
އާލިއާ ގޮވައިގެން ލޯބިވެރިޔާ އަދި ކޯ-ސްޓާ ރަންބީރު ކަޕޫރު ކްލިނިކަކަށް ދާތާ ދެތިން ދުވަސްވެފައި ވާއިރު، ވެގެން އުޅޭ ގޮތެއް އޭރު ނޭނގެ އެވެ. ނަމަވެސް ޝޫޓިންގައި އާލިއާގެ ފަޔަށް އަނިޔާވެފައިވާކަން މިހާރު ވަނީ ޔަގީންވެފަ އެވެ.
އާލިއާ އަސައެއްގެ އެހީގައި ހިނގައިފައި އުޅޭ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ފަޔަށް ލިބުނު އަނިޔާގެ ތަގްސީލް އަދި މަސައްކަތާއި ދުރުގައި ހުންނަން ޖެހޭނީ ކިހާ މުއްދަތަކަށް ކަމެއް އަދި ސާފެއްނުވެ އެވެ. މިއީ އެ ފިލްމުގެ ޝޫޓިންގައި އާލިއާއަށް އަނިޔާވި ދެވަނަ ފަހަރެވެ. މިދިޔަ މާޗު މަހުގެ ތެރޭގައި އާލިއާގެ އަތަށް ވެސް ވަނީ އަނިޔާވެފަ އެވެ.
'ބްރަހްމާސްތުރަ' އަކީ އަޔާން މުކަރްޖީ ޑައިރެކްޓުކޮށް، ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ތިން ފިލްމުގެ މައްޗަށް ހިމެނޭ ފިލްމު ސީރީޒެކެވެ. ސީރީޒްގެ ފުރަތަމަ ފިލްމު ރިލީޒް ކުރާނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މިއީ އަޔާންގެ ފުރަތަމަ ފެންޓަސީ ފިލްމެވެ. ފިލްމުގައި ރަންބީރު ފެނިގެން ދާނީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހެއްގެ ރޯލުންނެވެ. އާލިއާ އަދި ރަންބީރުގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން އަމީތާބް ބައްޗަން އަދި މޯނީ ރޯއީ ވެސް ފެނިގެން ދާނެ އެވެ.