23 Nov 2018, 10:53
ކޮރެއޮގްރެޕާ އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާގެ 'އޭބީސީޑީ 3' އިން ކުޅަދާނަ ނެށުންތެރިޔާ ޝަކްތީ މޯހަން ފެނިގެންދާނެ ކަމަށް ރޭމޯ ބުނެފި އެވެ.
'އޭބީސީޑީ 3' ވެގެންދާނީ ޒީޓީވީ އިން ގެނެސްދޭ ޑާންސް ރިއަލިޓީ ޝޯ، ‘ޑާންސް އިންޑިއާ ޑާންސް’ގެ ދެވަނަ ސީޒަން ކާމިޔާބު ކުރި ޝަކްތީގެ ފުރަތަމަ ބޮލީވުޑް ފިލްމަށެވެ. ޝަކްތީ އަންނަނީ ރޭމޯގެ ޑާންސް ރިއަލިޓީ ޝޯ، 'ޑާންސް ޕްލަސް'ގައި ޖަޖެއްގެ ގޮތުން ބައިވެރިވަމުންނެވެ. ފިލްމުން ޝަކްތީ ފެނިގެންދާނެކަން ރޭމޯ ޔަގީންކޮށްދިނީ ވެސް 'ޑާންސް ޕްލަސް'ގެ އެޕިސޯޑެއްގަ އެވެ. ރޭމޯ ބުނީ ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ފަށާނެ ކަމަށެވެ. ޝަކްތީ ވަނީ ރޭމޯގެ ފިލްމެއްގައި މަސައްކަތް ކޮށްލަން އަބަދުވެސް ބޭނުން ކަމަށާއި ފިލްމުގެ މަސައްކަތް ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރިކަމަށް ބުނެފަ އެވެ. ޑާންސް އިންޑިއާ ޑާންސް ކާމިޔާބު ކުރުމަށް ފަހު ޝަކްތީ ވަނީ އަކްޝޭ ކުމާރުގެ 'ތީސް މާރު ޚާން' ގެ އައިޓަމް ލަވައެއްގެ ކުޑަ ތަންކޮޅަކުން ފެނިގެން ގޮސްފަ އެވެ. އެއަށް ފަހު އަކްޝޭގެ 'ރައުޑީ ރާތްހޯރު'ގެ އައިޓަމް ލަވައަކުން ވެސް ޝަކްތީ ވަނީ ފެނިގެން ގޮސްފަ އެވެ. އޭގެ ފަހުން ޝަކްތީ ވަނީ ޗެނަލް ވީ އިން ގެނެސްދިން ޑްރާމާ ސީރީސް، 'ދިލް ދޯސްތީ ޑާންސް'ގައި ވެސް ލީޑު ރޯލު ކުޅެފަ އެވެ. ޝަކްތީގެ އިތުރުން 'ޑާންސް އިންޑިއާ ޑާންސް' އިން ފެނިގެން ދިޔަ އަދި މިހާރު 'ޑާންސް ޕްލަސް' އިން ފެނިގެންދާ ޕުނީތު، ދަރްމޭޝް އަދި ރާގަވް ވެސް އެ ފިލްމުން ފެނިގެންދާނެ އެވެ. ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ޕަންޖާބްގެ އިތުރުން ލަންޑަންގަ އެވެ.