އިއްޔެ ކްރިމިނަލް ކޯޓް ކައިރިން ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު، އަޙްމަދު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތު) މިރޭ ފުލުހުންގެ ބަންދުން ދޫކޮށްލީ ތަހުގީގަށް ސާފުކުރަން ބޭނުންވާ ކަންތައް ސާފު ކުރުމަށް ފަހު ފުލުހުން ބުނެފި އެވެ.

ސްމިތު ދޫކޮށްލުމުން ބައެއް ފަރާތްތަކުން ދަނީ ފުލުހުންނަށް އަމާޒު ކޮށް ފާޑުކިޔާ އެނާ ދޫކޮށްލީ "ފިތުން" ތަކާ އެކު ކަމަށް ބުނަމުންނެވެ.

މިކަމާ ގުޅޭގޮތުން މިރޭ ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މީޑިއާ ތަކުގައި ސްމިތު ދޫކޮށްލުމާ ގުޅޭގޮތުން ޙާގީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެނާ ބަންދުން ދޫކޮށްލީ ސާފުކުރަންޖެހޭ ކަންތައް ސާފު ކުރުމަށްފަހު، ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

މިރޭ ސްމިތު ބަންދުން ދޫކޮށްލި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާ ދޫކޮށްލުމަށް މިއަދު ފުލުހުންނަށް ގޮވާލައްވާފައެވެ. އަދި އެމްޑީޕީން މިއަދު ވަނީ އޭނާ ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ވެސް ކޮށްފައެވެ.