އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިރޭ، 10:30 ގައި ކަމަށެވެ. މިހާރު އެމްއެންޑީއެފް އިން ވަނީ އެ އަލިފާންގަނޑު ކޮންޓްރޯލުކޮށްފައެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ އާ ގުޅިގެން އެގޭގެ ހުރި ބައެއް ހިފާ ގެންގުޅޭ ތަކެއްޗާއި ބައެއް ފަރުނީޗަރުތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން، ހިތަދޫ ފަޔާ ސްޓޭޝަނުގެ ސިފައިން އެ ސަރަހައްދަށް ގޮސް ރޯވެފައިވާ އަލިފާން މިރޭ 11:08 ހާއިރު ވަނީ އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި މި ހާދިސާ ހިނގިއިރު އެ ގޭގައި އެއްވެސް މީހަކު ނޫޅެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.